ދިވެހިންގެ ސިއްހަތާ ގުޅޭ ގޮތުން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދެއްކީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ ނިސްބަތް އިތުރުވެ، އެފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި، ދިވެހިންގެ ދިރިއުޅުމާއި ކެއުން ބުއިމުގެ އާދަތައް ހުރީ ހިތުގެ ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހިދާނެ ފަދަ ގޮތަކަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމާ އެކު ގައުމީ ޔުނިވާސިޓީން ހެދި ސާވޭ އިން ދައްކާ ގޮތުން، ދިވެހިންގެ ސިއްހަތު ހުރީ ކަންބޮޑުވާން ޖެހޭ މިންވަރެއްގައެވެ.

ދިރާސާގެ ހުލާސާ އެއް އާންމުކުރައްވައި، ގައުމީ ޔުނިވާސިޓީގެ ރިސާޗް ޑިރެކްޓަރު ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، 15-69 އަހަރާ ދެމެދުގެ 3،104 މީހުން ބައިވެރިކޮށްގެން މިދިޔަ ދެ އަހަރު ކުރިއަށް ގެންދިޔަ މި ސާވޭގައި އެއްކުރި މައުލޫމާތުން ރާއްޖޭގެ ޖުމްލަ އާބާދީގެ ހާލަތު ވަޒަން ކުރެވޭނެއެވެ.

ޑރ. ރަހީމާ އަބްދުއްރަހީމް، ދިރާސާ އިން ފާހަގަކުރެވުނު ކަންކަން ކިޔައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާތައް ނުރައްކާތެރިއެވެ. އެގޮތުން:

  • ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރޭ
  • ބައެއް މީހުން އުމުރުން އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ
  • ކޮންމެ 20 މީހަކުން އެކަކު ރަލުގެ ބާވަތް ބޭނުންކުރޭ
  • ކޮންމެ ހަތަރު މީހަކުން އެކަކު މަސްތުވާތަކެތި ބޭނުންކުރޭ
  • ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑަށް، އާބާދީގެ ދެބައިކުޅަ އެއްބައި ތަރުކާރީ އާއި މޭވާ ބޭނުމެއް ނުކުރޭ (ޑަބްލިއުއެޗްއޯގެ މިންގަނޑަކީ ދުވާލަކަށް ފަސް ސާވިންގެ މޭވާ އާއި ތަރުކާރީ. ސާވިން އަކީ ނުކައްކާ ހުންނަ ތަރުކާރީ / މޭވާގެ ކުޑަ ބޯތައްޓަކަށް އެޅޭ މިންވަރު. ކައްކާފައިވާ ނަމަ، ކުޑަ ބޯތައްޓެއްގެ ދެބައިކުޅަ އެއްބައި)
  • ކައްކާފައި ހުންނަ ތަކެއްޗަށް އަޅާފައި ހުންނަ ވަރަށް ވުރެ އިތުރަށް ކޮންމެ ތިން މީހަކުން އެކަކު ލޮނު އަޅައިގެން ކައި
  • ކުޑަކަމުދާ ތަކެތި ބެލިއިރު، އާންމުން ދުވާލަކު 8.8 ގްރާމް ލޮނު ބޭނުންކޮށްފައިވޭ. އެއީ އާންމު މިންގަނޑަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެއް
  • ދެބައިކުޅަ އެއްބައި މީހުން ހެލިފެލިވެ ނޫޅޭ، އެހެންވެ ދެބައިކުޅަ އެއްބައި މީހުން ބަރު، އޭގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ހުންނަންވާ ވަރަށް ވުރެ މާ ބަރު
  • ލޭގަ ކޮލެސްޓްރޯލް ހުންނަ މިންވަރަށް ބަލާއިރު، ކޮންމެ ތިން މީހަކުން އެކަކުގެ ހުންނަންވާ ވަރަށް ވުރެ ލޭގައި ކޮލެސްޓްރޯލް އިތުރު

ދިރާސާގެ އިތުރު ތަފްސީލް ދެއްވަމުން، މެޑިކަލް އެންޑް ޕަބްލިކް ހެލްތު ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވި ގޮތުގައި، ކޮންމެ 4 މީހަކުން އެކަކީ ލޭގެ ޕްރެޝަރު މަތި މީހުންނެވެ. އަދި އާބާދީގެ 14 ޕަސެންޓު މީހުންގެ ހަކުރު ހުންނަން ޖެހޭ މިންވަރަށް ވުރެ މައްޗެވެ.

ޑރ. ޝީނާ މޫސާ، ދިރާސާ އިން ފާހަގަކުރެވުނު ކަންކަން ކިޔައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ހަމަ އެއާއެކު، 44-15 އަހަރާ ދެމެދުގެ އާބާދީގެ ކޮންމެ ތިން މީހަކުން އެކަކަށް ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ހިރާސްތައް ތިނަކަށް ވުރެ އިތުރު ކަމަށާއި، 45-69 އަހަރާ ދެމެދުގެ އާބާދީގެ ކޮންމެ ދެ މީހަކުން އެކަކަށް ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ހިރާސްތައް ތިނަކަށް ވުރެ އިތުރު ކަމަށް ވިދާޅުވެ، ޝީނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ދެބައިކުޅަ އެއްބައި މީހުން، ނުވަތަ ތިން މީހަކުން އެކަކު، އެއީ ވަރަށް ބޮޑު އަދަދެއް. އަޅުގަނޑުމެންގެ އާބާދީ އާ ބަލާއިރުގަ މި ހިރާސްތަކުގެ ހުރި މިންވަރު ކަންބޮޑުވާ ވަރަށް އެބަހުއްޓޭ." ޝީނާ ވިދާޅުވިއެވެ.

މި ހިސާބުތަކަށް އަލި އަޅުވާލައްވައި ޝީނާ ވިދާޅުވީ ރާއްޖޭގައި އާންމުކޮށް މީހުން ދިރިހުންނަ ކަމަށް ބަލާ މިންގަނޑަށް ވުރެ ކުރިން މަރުވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

"އެހެންވީމާ ގައިން ގަޔަށް ނާރާ ބަލިތަކުގެ މިހާ ހިރާސްތައް ގިނައްޔާމު ކުރިއަށް އޮތް ތަނުގަ ވެސް ކުރިއަށް އޮތް ދިހަ އަހަރަށް އަޅުގަނޑުމެން ބަލާލާއިރުގަ ހަމަ މިގޮތަށް ކަންތައްތައް ހުރެއްޖިއްޔާ ޕްރީ މެޗުއާ މޯޓަލިޓީ ގިނަ ވަމުންނޭ ދާނީ." ޝީނާ ވިދާޅުވިއެވެ.

"މީގެ ސަބަބުން މީހުންގެ އުފެއްދުންތެރިކަމަށް ބޮޑު އަސަރެއް އެބަ ކުރެޔޭ. ހަމަ އެކަނި މީހާގެ އުފެއްދުންތެރިކަމެއް ނޫނޭ، އެއީ ގައިން ގަޔަށް ނާރާ ބަލީގެ ސަބަބުން މަސައްކަތަށް ނުދެވުން ނޫނިއްޔާމު މަސައްކަތަށް ގޮއްސަ އެ މީހަކަށް އުފެއްދުންތެރިކަން ގެންނަން ބޭނުންވާ މިންވަރަށާއި ފެންވަރަށް ނުގެންދެވުން. މިކަހަލަ ކަންކަމުގެ ސަބަބުން މުޅި ގައުމުގެ މަސައްކަތްތެރިކަމަށް ނޫނިއްޔާމު އިގްތިސޯދަށް، ޕްރޮޑަކްޝަނަށް ވަރަށް ބޮޑެތި އަސަރުތަކެއް އެބަ ކުރެޔޭ." ޝީނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޝީނާ ފާހަގަކުރެއްވި ގޮތުގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަމަށާއި ސިއްހީ ހިދުމަތްތަކަށް ކުރާ ހޭދަ އިތުރުވެގެން ދެއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހުރިހާ ކަމެއްގެ ސަބަބުން ގައުމުގެ ތަރައްގީ އަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.