2009 އިން ފެށިގެން 12 އަހަރު ވި ބޮޑުވަޒީރު ކަމުގައި ފަލަސްތީނުގެ 3500 މީހުން ޝަހީދު ކުރި ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް އިޒްރޭލުގެ ބޮޑުވަޒީރުކަން ޔަގީން ކޮށްފިއެވެ.
120 މެންބަރުން ތިބޭ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ 32 ގޮނޑި ކާމިޔާބު ކޮށް އޭނާ ތަމްސީލު ކުރާ ލިކޫޑް ޕާޓީން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާ އިރު ކަނާތުފިޔާގެ ބައިވެރިންނާއެކު އޭނާއަށް 64 ގޮނޑި ޔަގީންވެއްޖެއެވެ.
ވެރިކަން ގެއްލުނުތާ އަހަރެންގެ ފަހުން ގަދަކޮށް އެނބުރި އައި ނަތަންޔާހޫގެ ނިމިދިޔަ 12 އަހަރުގެ ދައުރުގައި ފަލަސްތީނުގެ އެތައް ރައްޔިތަކު ޝަހީދު ކޮށްފައި ވާ އިރު، އޭނާ އަކީ ހަނގުރާމައިގެ ޖަރީމާ ހިންގި މީހެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެތައް ޖަމާއަތަކުން ބުނެފައި ވެއެވެ.
އިޒްރޭލުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިތްސާލެމް ގްރޫޕުން ބުނެފައި ވާ ގޮތުގައި، އޭނާގެ ވެރިކަމުގައި ޝަހީދު ކޮށްލި 3500 މީހުންގެ ތެރޭގައި 799 ކުޑަކުދިންނާއި 342 އަންހެނުން ހިމެނެއެވެ.
7 ފަހަރު ބޮޑުވަޒީރުކަމުގެ ގޮނޑި ކާމިޔާބު ކުރި ނަތަންޔާހޫ ހިންގި އެންމެ ބޮޑު އެއް ޖަރީމާ ހިންގާފައި ވަނީ 2012 އަދި 2014 ގައެވެ. 2012 ވަނަ އަހަރު އެކަނި 167 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު 2014 ގެ ބޮޑު ޖަރީމާގައި 2251 މީހަކު ޝަހީދު ކޮށްލިއެވެ. އެއީ އޭނާގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު އުދުވާނެވެ. އެ އުދުވާނުގައި 50 ދުވަސް ވާންދެން ވައިގެ މަގުންނާއި އެއްގަމުން ފަލަސްތީނަށް ހަމަލާ ދިނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ އުދުވާނުގައި 6000 ވައިގެ ހަމަލާ ދިން އިރު އެއްގަމުން 50،000 އަށް ވުރެ ގިނަ ހަމަލާ، ބޮޑުބަޑިއާއި ޓޭންކްތައް ބޭނުންކޮށްގެން ދީފައި ވެއެވެ.
ޒަހަމްވި މީހުންގެ އަދަދު 12،000 އާ ގާތް ކުރި އިރު 28،366 ގެއެއް ސުންނާފަތި ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި 3،329 ގެ އެއް އެއްކޮށް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. މީގެ އިތުރުން އެ އުދުވާނާ ގުޅިގެން 65،000 މީހަކު ގާޒާ ދޫކޮށް އެހެން ތަންތަނަށް ވަނީ ހިޖުރަވެސް ކޮށްފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ކަމަށް ނަތަންޔާހޫ އެނބުރި އަންނަ އިރު މިފަރު އޭނާ ގެންގުޅޭނެ ސިޔާސަތެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އިޒްރޭލުން މިހާރު ކުރިއަށް ނެރޭ ބައެއް ސިޔާސަތުތަކަށް ބަލާއިރު އަރަބި ގައުމުތަކާ ގުޅުން ބަދަހިކޮށް ވިޔަފާރި ފުޅާ ކުރުން ހިމެނޭއިރު، އެ ގުޅުން ނިވާފަތްގަނޑަކަށް ހަދައިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާން ފުޅާ ކުރާނެ ކަމަށް މުރާސިލުން ބުނެއެވެ.