އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑު ހައްދަން އިޒްރޭލުން އެހީވާން ނިންމައިފިއެވެ.
އިންޑިއާގައި ހުންނަ އިޒްރޭލް އެމްބަސީގައި ބޭއްވި ބައްދަލުވުމެއްގައި އެމްބަސީގެ އެޓާޗޭ ޔަސިރު އެޝެލް ވިދާޅުވެފައި ވަނީ، ކަޝްމީރުގައި ދަނޑުވެރިކަން ކުރުމުގަށް ހުރި ފުރުސަތުތައް ބޮޑުކަމަށާއި، ތަރުކާރީއާއި މޭވާ އަދި ގޮވާން ހެއްދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރެވިދާނެ ކަަމަށެވެ.
އަދި އެ ރޮގުން އިޒްރޭލުގެ ޓެކްނޮލޮޖީ އިންޑިއާއަށް ފޯރުކޮށްދޭން ތައްޔާރު ކަމަށާއި އެގައުމުގެ އެކްސްޕާޓުންގެ އެހީވެސް އެކަމުގައި ދޭނެ ކަމަށެވެ.
ޔާސިރު އިތުރަށް ވިދާޅުވީ، ޒަމާނީ ގޮތްތައް ބޭނުން ކޮށްގެން ގޮވާމާއި މުޑުވަށް ރަނގަޅު ކުރާނެ ހުނަރާއި ގާބިލުކަން އިޒްރޭލުގައި ހުރި ކަމަށާއި، އެ ގައުމުގެ ޓެކްނޮލޮޖީއާއި އިރުޝާދު އިންޑިއާއިން ބޭނުން ކުރުމުން މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތައް ހެއްދޭ މިންވަރު އިތުރުވެ، ތާޒާކަން ލިބޭނެ ކަމަށެވެ.
މިހާރުވެސް ކަޝްމީރު ސަރަހައްދަކީ ތާޒާ މޭވާ ހެދޭ މޫސުމީ ގޮތުން އަބަދުވެސް ފިނިކަން އޮންނަ ސަރަހައްދެއް ކަމުން އިންޑިއާއިން ބޭނުން ވަނީ އެ ސަރަހައްދުގައި އިތުރު އިންވެސްޓްމަންޓްތައް ކޮށް ކުރިއަށް ގެންދާށެވެ. އެ ސަރަހައްދަށް ހާއްސަ ބައެއް ބާވަތްތަަށް ބަލާއިރު އާފަލާއި، ވޯލްނަޓް، ސެފްރޯންގެ އިތުރުން މާމެލާމެލީގެ ތަފާތު ބާވަތްތައް ހިމެނެއެވެ.
ރާއްޖޭގައިވެސް އިޒްރޭލުން ދަނޑުހައްދަން އުޅުނެވެ. 2011 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލް ދަނޑުވެރިން ހއ ފިއްލަދޫގައި އިންވެސްޓް ކުރަން އެރަށަށާއި އަދި މާފައްސަށް ދާން އޭރުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރި ނަމަވެސް ރައްޔިތުންގެ ދެކޮޅު ހެދުމާއެކު އެކަން ކުރިއަކަށް ނުދިޔައެވެ.
އިންޑިއާ އަކީ ރާއްޖެއަށް މުދާ އެތެރެ ކުރާ ގައުމެކެވެ. 2021 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން 300 މިލިއަން ޑޮލަރުގެ މުދާ އެދެތެރެ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި މެޝިނަރީ އާއި، މެޑިކަލް ސާމާނާއި ކާބޯތަކެތިވެސް ހިމެނެއެވެ.
ތަރުކާރީ މޭވާގެ ބާވަތްތަކާއި ގޮވާމާއި، ބިހާއި، މާމުޔާއި، ތަފާތު ބާވަތްތަކުގެ ނަޓްސް އެތެރެ ކުރަންވެސް ބޮޑު ހަދަރެއް ކޮށްފައި ވެއެވެ.