މަސްމަހާ މެހީގެ އެކި ބާވަތްތައް އާލާކުރާ މަރުކަޒެއް، ނުވަތަ މަލްޓި-ސްޕިޝީސް ހެޗަރީ އެއް ގއ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ މާނަގަލާގައި އަޅައި ހިންގަން، ޔޫއޭއީގެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި ޔޫއޭއީގެ އަކުއާ ބްރިޖް ގްރޫޕާ ދެމެދު ސޮއިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން އެގްޒެކެޓިވް އީނާސް ނާސިރެވެ. އަދި އަކުއާ ބްރިޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ތާބިޝެވެ.

އެ މަޝްރޫއުގެ ދަށުން ހެޗަރީ އިމާރާތްކުރުމަށްޓަކައި ދީފައި ވަނީ އަހަރު ދުވަހުގެ މުއްދަތެކެވެ. އެއްބަސްވުމުގައިވާ ގޮތުން އެ މުއްދަތު ހިމެނޭހެން އަކުއާ ބްރިޖަށް އެތަން ހިންގަން 21 އަހަރު ލިބޭނެއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ތަނުގެ އިމާރާތްކުރުމުގެ މަރުހަލާ ކުރިއަށް ގެންދާއިރު، ފުރަތަމަ ފިޔަވަހީގެ ދަށުން ތަނުގެ އިންފްރާސްޓްރަކްޗާ މަސައްކަތް ވަނީ ނިންމާލައިފައެވެ

މައިގަނޑު ގޮތެއްގައި ފާނަ އާއި ހުއިފިލަނޑާ އަދި އެން އާލާކުރާ މި ހެޗަރީ އަޅަން 16 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއު ހިންގަނީ ވޯލްޑް ބޭންކުން ދީފައިވާ ހިލޭ އެހީގެ ދަށުންނެވެ.

މި މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކުރީ ގާތްގަނޑަކަށް އެއް އަހަރު ކުރިން ނޮވެމްބަރު 16 ގައެވެ. އެ މަޝްރޫއުގެ ޕްރޮކިއުމެންޓް ކުރިއަށް ގެންދިޔައީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން، ވޯލްޑް ބޭންކުގެ "ސިންގަލް ސްޓޭޓް ޓު އެންވެލޮޕް" އުސޫލުން ޕްރޮކިއުމެންޓް ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.