މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު މުހައްމަދު ޝާފިއު، އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައިގައި އެކަށީގެންވާ ހެކި ނެތުމުން، ފުލުހުން މައްސަލަ ފައިލް ކޮށްފިއެވެ.

ޝާފިއު "ވަގުތު" ނޫހުގެ ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރުމާ ގުޅިގެން އޭނާ ކައުންސިލުން ސަސްޕެންޑްކުރީ މިދިޔަ މަހު 24 ގައެވެ.

އެމައްސަލައާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުލުހުން އެ މައްސަލަ ފައިލްކޮށްފައި ވާތީ ޝާފިއުގެ ސަސްޕެންޝަން ވެސް މިހާރު އުވާލާފައިވާ ކަމަށެވެ.

އެމްއެމްސީން ވަނީ ޝާފިއު ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރަސާރަ ކުރިކަމަށް ބަޔާންކޮށް ވަގުތު އޮންލައިން ނެރެފައިވާ ނޫސްބަޔާނާއި އެކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި، ކައުންސިލުގެ މެންބަރުންނާ މެދު ރައްޔިތުންގެ ހިތުގައި ހަގީގަތާއި ހިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވަގުތު އޮންލައިންގައި ޝާއިއު ކޮށްފައިވާ ހަބަރުތައް، ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

މީގެއިތުރުން "ވަގުތު ނޫހުގެ ހަބަރާއި ގުޅިގެން" ރާއްޖޭގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުން ކަމުގެ ހަގީގަތަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މިކަމާ ގުޅޭ ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ޖަމްއިއްޔާ ޖަމާއަތްތަކުން މަސައްކަތްކުރާ ގޮތް ނޫން ކަމަށް ވެސް އެމްއެމްސީން ވަނީ ބުނެފައެވެ.

އެމްއެމްސީން ވަނީ ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ގާނޫނާއި ގަވާއިދާއި އުސޫލުތަކަށް ރިއާޔަތް ކުރުމަށާއި، ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ އެއްގޮތަށް މަޢުލޫމާތާއި ހަބަރުތައް ގެނެސްދިނުމަށް އިލްތިމާސް ކޮށްފައެވެ.