އެމެރިކާގައި ހުންނަ "ޔުނައިޓެޑް ސްޓޭޓްސް އެއާފޯސް އެކެޑެމީ" ގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަންނަ 2023 ވަނަ އަހަރުގެ ޖޫން މަހުގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަމުގައި ވުމާއި، ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ، ޖުލައި 1، 2033 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނޭ ކަމަށެވެ.

އަދި، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިން (ACT) ހަދާފައިވާ މީހެއް ކަމުގައި ވުމާއި، ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިން ލޭންގްއޭޖް (TOEFL) ހަދާފައިވާ މީހެއް ކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ހަށިހެޔޮކަމުގެ ގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 6 ޖާގަ ކަމަށެވެ.

މި ޓެސްޓްތަކަކީ (SAT,ACT,TOEFL)، ކޯހަށް އެޕްލައި ކުރުމަށް ފަހު ވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

އެމްއެންޑީއެފުން ބުނީ، މި ކޯހުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެރޮނޮޓިކަލް އިންޖިނިއަރިން، އެސްޓްރޮނޮޓިކަލް އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިން، ސައިބާ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސާޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިން އަދި މީޓިއޮރޮލޮޖީ ހިމެނޭ ކަމަށެެވެ.

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުމަށް ފަހު، މިމަހު 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ގޮސް، އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. ނުވަތަ އެމްއެންޑީއެފް ޓްރެއިނިންގް ޑިޕާޓްމަންޓަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ.