ރަޝިއާއިން ޔޫކްރައިން އަށް އެރިތާ 8 މަސް ވެގެން ދިޔަ އިރު ހނަގުރާމައިގެ އިސްތިރާޖު ބަދަލުކޮށް ރިޒާވް ސިފައިންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން 318،000 މީހުން ރަޝިއާއިން ނެރެފިއެވެ.

މިކަން އިއުލާން ކުރައްވާ ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ވިދާޅުވީ، ރިޒާވް ސިފައިންގެ ތެރެއިން 49،000 މީހުން ރަސްމީކޮށް މައިދާނަށް ނުކުމެފައި ވާ ކަމަށާއި، އިތުރު މީހުން ތަމްރީނުތައް ފުރިހަމަ ކުރަމުން ދާ ކަމަށެވެ. މީގެ އިތުރުން މިހާރު ހަނގުރާމަ އެންމެ ހޫނު ހާސަން ސަރަހައްދުގައި ދިރިއުޅޭ އާންމުން އެރަށުން ފައިބާ ނިންމަން ވީ ކަމަށް ވެސް ރަޝިއާއިން ބުނެފައި ވެއެވެ.

ޔޫކްރައިންގެ ސިފައިން ކުރިއަރަމުން އައިސް ހާސަންގެ 50 ސަރަހައްދެއް އަނބުރާ އަތުލާފައި ވާ އިރު، ރަޝިއާއިން ދަނީ އެ ޝަހަރުގައި ދިރިއުޅޭ އާންމުން އެރަށުން ބާލާ އެހެން ސަރަހައްދުތަކަށް ގެންދަމުންނެވެ. ގާތްގަނޑަކަށް 450،000 މީހުންގެ އާބާދީއެއް އޮންނަ އެ ޝަހަރުން ދުވާލެއްގެ މައްޗަށް މިހާރުވެސް 5000 އެއްހާ މީހުން ފައިބައެވެ.

މިއީ، ރަޝިއާއިން ޖަހާ ދަންތުރައެއް ކަމަށް ބުނެ ޔޫކްރައިން އިން ގޮވާލާފައި ވަނީ އެއްވެސް މީހަކު ފައިބައިގެން ނުދިޔުމަށެވެ. ނަމަވެސް ހާސަން އަކީ، ރަޝިއާއިން ހިފި 4 ޝަހަރުގެ ތެރެއިން ކްރިމިއާ އާ އެންމެ ކައިރިއަށް އޮންނަ، ހަނގުރާމަ އެންމެ ހޫނު ސަރަހައްދު ކަމުން، އާންމުން ތިބީ ބިރުވެރިކަމެއްގައެވެ.

ކޮންމެ ދުވަހަކު 1200 އެއްހާ ވެހިކަލުގައި މީހުން އުފުލުމުގެ މަސައްކަތް ރަޝިއާ ސިފައިން ކުރަމުން ގެންދާ އިރު މީގެ ތެރެއިން ގިނަ ބަޔަކު ދަނީ ޑިނީޕާ ކޯރުގެ އައްސޭރިއަށެވެ.

ހަނގުރާމައިގައި ޔޫކްރައިން އާއި ރަޝިއާއަށް ވެސް ބޮޑެތި ގެއްލުންތައް ވަމުން ދާއިރު، އެންމެ ފަހުން ރަޝިއާއިން ދިން ޑްރޯނާއި މިސައިލް ހަމަލާތަކުގައި ޔޫކްރައިންގެ އެތައް ޝަހަރަކުން ކަރަންޓް ކެނޑިފައި ވުމުގެ އިތުރުން، ވެރިރަށް ކީވް ގެ 450،000 ގެ އެއް ހުރީ ކަނު އަނދިރީގައި ކަމަށް ހަބަރުތައް ބުނެއެވެ. އަދި ގިނ ބަޔަކު ބިންގަރާސް ތަކާއި ބިމު އަޑީގެ ރެއިލްވޭ ސްޓޭޝަންތަކުގައި ދިއިރުޅެމުން ދާތާ މިހާރު މަސްތަކެއް ވެއްޖެއެވެ.

ޔޫކްރައިން އާއި ރަޝިއާއަކީ، ސޯވިއެޓް ޒަމާނުންސުރެ ފެށިގެން އަސްކަރީ ގޮތުން ވަރުގަދަ ދެބާރު ކަމަށް ވިޔަސް، ޔޫކްރައިންގައި ޒަމާނީ ހަތިޔާރެއް ނެތެވެ. ހިނގަމުންދާ ހަނގުރާމައިގައި ޔޫކްރައިން އަށް އަސްކަރީ ގޮތުން ހުޅަނގާއި އެމެރިކާއިން މަދަދު ދޭ އިރު، މިހާރު ޔޫކްރައިންގައި ބޭނުން ކުރާ ޒަމާނީ ގިނަ ހަތިޔާރަކީ އެމެރިކާއިން ފޯރުކޮށްދީފައި ވާ ހަތިޔާރެވެ.

ތަފާސްހިސާބު އެއްކުރާ ދުނިޔޭގެ އިދާރާތަކުން ހާމަ ކުރާ ގޮތުގައި، ރަޝިއާގެ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ސިފައިން މަރުވެފައި ވާ އިރު، ޔޫކްރައިންގެ އާންމުންގެ ތެރެއިން 400 ކުޑަކުދިން ހިމެނޭހެން 14،060 މީހަކު މިހާރު ވަނީ މަރުވެފައެވެ.