ރީބްރޯޑްކާސްޓިން ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާ އެކު ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މަޖިލިހަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ގަރާރު މަޖިލިހަށް ބަލައިގެންފިއެވެ.

ޝިޔާމް ހުށަހެޅުއްވި ގަރާރު ބަލައިގެންފައި ވަނީ ވޯޓަށް ހުށަހެޅުމުން ވޯޓު ދެއްވި 37 މެންބަރުންގެ ތެރެއިން 28 މެންބަރުންގެ ރުހުމާއެކު ގައެވެ. އެ ގަރާރު ބަލައިގަތުމާ ދެކޮޅަށް އަށް މެންބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ އިންނެވީ އެންމެ މެންބަރެކެވެ.

އެހެންކަމުން ޝިޔާމްގެ ގަރާރު މަޖިލިހަށް ބަލައިގަނެ، ދިރާސާކުރުމަށްޓަކައި މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ގަވައިދު ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަށް ދިރާސާކުރަން ވަނީ ފޮނުވައިފައެވެ

ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ރީބްރޯޑްކާސްޓު ކުރުމުގެ ގާނޫނު އިސްލާހުކޮށްފައި ވަނީ ގާނޫނުއަސާސީގައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ސިޔާސީ ނުފޫޒުގައި ބްރޯޑްކޮމްގެ މެންބަރުން ޖެހި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެއްވިއެވެ.

އެކަމުގެ ސަބަބުން އަތްފޯރާ އަގެއްގައި އާންމުންނަށް ހިދުމަތް ލިބިގަތުމަށް ދަތިވާނެ ކަމަށާއި، ދިރާގުގެ ވިޔަފާރި އަށް ބުރޫ އަރައި، ވިޔަފާރީގެ އިންސާފުވެރި މާހައުލެއް ގާއިމްކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ގަރާރަށް ތާއީދުކުރައްވައި، ބްރޯޑްކޮމުން ގެނައި އިސްލާހުގެ ސަބަބުން މީޑިއާނެޓަށް ބްރޯޑްކާސްޓިން ދާއިރާގައި ވަކި ހިއްޕާލުމަށް މަގުފަހިވާ ކަމަށް ވިދާޅުވެފައެވެ. އަދި ބްރޯޑްކޮމަށް ފާޑުވިދާޅުވެ، އެ ގަވައިދު އުވާލުމަށް ވެސް ގޮވާލައްވާފައިވެއެވެ.