މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ އިތުރަށް 5.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭތީ ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި އައްޑޫގެ މަގު ހެދުމާއި ތިލަމާލެ ބްރިޖްގެ މަޝްރޫއަށް ފައިސާ އިތުރުކުރަން ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާ އެކު ސަޕްލިމެންޓްރީ ބަޖެޓެއް އިއްޔެ ހުށަހަޅައިފައެވެ. އެ ބަޖެޓުގައިވާ ގޮތުން، ޕްލޭނިން މިނިސްޓްރީގެ ބަޖެޓަށް ވަނީ އެއް ބިލިއަން ރުފިޔާ އިތުރުކޮށްފައެވެ. އެއީ ތިލަމާލެ ބްރިޖް މަޝްރޫއަށް އިތުރު ކުރި 924 މިލިއަން ރުފިޔާ، އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއަށް އިތުރު ކުރި 80.4 މިލިއަން ރުފިޔާއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއު ހިންގުމަށް މި އަހަރަށް ފާސްކޮށްފައި އޮތީ 543.3 މިލިއަން ރުފިޔާއެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ހިންގުމަށް މި އަހަރަށް ފާސްކޮށްފައި އޮތީ 109.2 މިލިއަން ރުފިޔާއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ދެ މަޝްރޫއުގެ ތެރެއިން އައްޑޫގެ މަގު ހެދުމުގެ މަޝްރޫއަކީ 1.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި އެފްކޮންސް އާ ދެމެދު ސޮއިކުރެވިފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 21 ގައެވެ. އެ މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީންނެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. އެ މަޝްރޫއަކީ 6.2 ބިލިއަން ރުފިޔާ (500 މިލިއަން ޑޮލަރު)ގެ މަޝްރޫއެކެވެ.

ބަޖެޓް ފޮތުގައި ލަފާކޮށްފައިވާ ގޮތުން، މަޝްރޫއުތަކުގެ ދުވެލި ހަލުވިވެފައި ވާތީ، ކުރިން ހުރި ވަރަށް ވުރެ ގިނައިން މި އަހަރު ފައިސާ ހަރަދު ވާނެއެވެ. ނަމަވެސް އެ ދެ މަޝްރޫއުގެ ދުވެލީގެ ބާރުމިނާއި މަސައްކަތުގެ ފެންވަރާ މެދު މަޖިލީހުގެ މެންބަރުންނާއި އާންމުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެ ދެ މަޝްރޫއުގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސަޕްލިމެންޓްރީ ބަޖެޓުގައިވާ ގޮތުން، ބަޖެޓުގެ ބޮޑު ބައެއް ދަނީ ތެލުގެ އަގުތައް އުފުލުމުން އިތުރުވާ ސަބްސިޑީއަށާއި، އެޗްޑީސީ އަށް ކެޕިޓަލްގެ ގޮތުގައި ދޫކުރާ ފައިސާއަށެވެ. އެގޮތުން ތެލުގެ ސަބްސިޑީ އަށް 1.9 ބިލިއަން ރުފިޔާ، އެޗްޑީސީ އަށް 1.1 ބިލިއަން ރުފިޔާ، ފެނަކަ އަށް ދޫކުރާ ކަރަންޓުގެ ސަބްސިޑީ އަށް 439.7 މިލިއަން ރުފިޔާ، އާސަންދަ އަށް 906.7 މިލިއަން ރުފިޔާ، އަދި ސިފްކޯގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް 340.7 މިލިއަން ރުފިޔާއެވެ.