ޔޫކްރައިންގެ ގެ ގޮދަން ބޭރު ކުރުމަށް އދ އާއި ޔޫކްރައިން އަދި ރަޝިއާ އިން ވި އެއްބަސް ވުމުން ރަޝިއާ އެކަހެރި ވިޔަސް ތުރުކީން އެހީތެރިވާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ޔޫކްރައިން އަކީ ދުނިޔެއަށް ގޮދަން އެކްސްޕޯޓް ކުރާ މައި އެއް ގައުމަށް ވާ އިރު، ހަނގުރާމަ އާ ގުޅިގެން އެކަން އޮތީ ހުއްޓިފައެވެ. ނަމަވެސް ދުނިޔެ ބަނޑަށް ޖެހުނަ ނުދޭން ނުވަތަ ގޮދަނުގެ ދަތިކަން ކުރިމަތިވިޔަ ނުދޭން އެއްބަސްވެ އެކްސްޕޯޓް ފެށި ނަމަވެސް މިހާތަނަށް ބޭރު ކުރެވުނީ އަދި 9 މިލިއަން ޓަނުގެ ގޮދަނެވެ.

ނަމަވެސް ކަޅު ކަނޑުގައި އޮންނަ ރަޝިއާގެ ފްލީޓަށް ހުސްވި ހަފްތާގައި ދިން ޑްރޯން ހަމަލާ އާ ގުޅިގެން ރަޝިއާއިން ވަނީ އެ އެއްބަސްވުމުން އެކަހެރިވެ، ޔޫކްރައިންގެ ގޮދަން ބޭރު ކުރަން ރަޝިއާއިން އެހީ ނުވާނެ ކަމަށް ބުނެފައެވެ.

ރަޝިއާއިން، އެއްބަސްވުމުން ބޭރު ވި ނަމަވެސް އިއްޔެ ވަނީ 354،500 ޓަނުގެ ގޮދަން ޝިޕްމަންޓެއް ބޭރު ކޮށްފައެވެ. މި ޝިޕްމަންޓް ބޭރުކޮށްފައި ވަނީ ތުރުކީގެ އެހީތެރިކަމާއެކު ތުރުކީގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުންނެވެ.

ތުރުކީ އަކީ، އދ އާއި ޔޫކްރައިން އަދި ރަޝިއާގެ މެދުގައި އެއްބަސްވުން އެކުލަވާލުމުގެ މެދުވެރިޔާގެ ރޯލް އަދާ ކުރި ފަރާތްކަމުން، އެއްބަސްވި ގޮތަށް ކަންކަން ކުރިއަށް ގެންދިޔުމުގައި ތުރުކީން އެހީވާނެ ކަމަށް އޮތީ ވައުދުވެފައެވެ.

"ރަޝިއާއިން މަންފާއެއް ނުލިބިދާނެތީ، ރަޝިއާއިން ފަހަތަށް ޖެހުނަސް، އިންސާނިއްޔަތަށްޓަކައި ތުރުކީން ކުރާ މަސައްކަތް ދަމަހައްޓާނެ"
ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން

މި އެއްބަސްވުމުން ރަޝިއާ އެކަހެރި ވުމާއެކު ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލޫސީ އަކަރު ވަނީ ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާގޭ ޝޮއިގޫ އަށް ގުޅުއްވާ އެއްބަސްވުމަށް އަލުން ރުޖޫއަވުމަށް ދަންނަވާފައެވެ. އޭނާ ރަޝިއާއަށް ދަންނަވާފައި ވަނީ، ޔޫކްރައިން ހަނގުރާމަ އާ ކާބޯތަކެތި ބޭރު ކުރުން މަސްހުނި ނުކުރެއްވުމަށާއި، ކާބޯތަކެތީގެ ސަޕްލައި ނުހުއްޓި ކުރިއަށް ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިއާއެކު މި ޕްރޮގްރާމް ބަލަހައްޓާ އދ ގެ އޮފިޝަލް އާމިރު އަބްދުﷲ ވިދާޅުވެފައި ވަނީ، އާންމު ބޭނުންތަކުގައި ކާގޯ އުފުލާ ބޯޓަކީ އަސްކަރީ އެއްޗެއް ނޫން ކަމަށާއި އެއްވެސް މާނައެއްގައި އެފަދަ ބޯޓެއް ހިފެއްހެއްޓިގެން ނުވާނެ ކަމަށެވެ.

ނަމަވެސް މިކަމުގައި ރަޝިއާއިން ބުނެފައި ވަނީ، ކަޅު ކަނޑުގެ ސެކިއިރިޓީ ޒޯނުން ބޯޓު ދަތުރު ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ. އެ ކޮރިޑޯ ނުވަތަ ހުއްދަ ދީފައި އޮތް ކަޅު ކަނޑުގެ ސަރަހައްދު ޔޫކްރައިން އިން ބޭނުން ކުރަނީ ރަޝިއާ އަށާއި ރަޝިއާގެ ފްލީޓްތަކަށް ހަމަލާ ދޭން ކަމަށާއި އެކަން ބަލައިނުގަނަންނާނެ ކަމަށެވެ.

ރަޝިއާއިން އިތުރަށް ބުނީ، އެ މަގުގައި ޔޫކްރައިނުން އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން ނުދެނީސް، އެ މަގުގެ ރައްކާތެރިކަން ރަޝިއާއަށް ކަށަވަރު ކޮށް ނުދެވޭނެ ކަމަށާއި ހަމަލާއެއް އަމާޒު ނުވެ ހިނގައިދާނެ ކަމުގެ ޔަގީންކަންވެސް ނުދެވޭނެ ކަމަށެވެ.