ޔޫކްރައިންގެ ހަކަތައިގެ ސިނާއަތައް ހަމަލާދީ ކަރަންޓް ވިއުގައަށް ގެއްލުން ދިނުމާއި ޔޫކްރައިންގެ ގޮވާން ބޭރުކުރުމުގެ ޕްރޮގްރާމުން ރަޝިއާ އެކަހެރި ވީ، ކަޅު ކަނޑުގައި އޮންނަ ރަޝިއާގެ ފްލީޓަށް ދިން ޑްރޯން ހަމަލާގެ ބަދަލު ހިފަން ކަމަށް ރަޝިއާ އިން ބުނެފިއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ، ޔޫކްރައިން އިން ޑްރޯން ހަމަލާ ދިނީ، އދ އާއި ޔޫކްރައިން އަދި ރަޝިއާގެ އިތުރުން ތުރުކީ އެއްބަސްވެ، ޔޫކްރައިންގެ ގޮދަން ދުނިޔޭގެ ގައުމުތަކަށް ބޭރު ކުރުމަށް ވެފައިވާ އެއްބަސް ވުމުގެ ދަށުން އެކަން ކުރަން ހުޅުވާލި ސަރަހައްދުގެ ތެރެއިން ކަމަށެވެ. އެއީ ގޮދަން ބޭރު ކުރުމަށް ދަތުރު ކުރަން އެއްބަސްވި ކަޅު ކަނޑުގެ ސަރަހައްދެވެ.

ޑްރޯން ހަމަލާގެ ޒިންމާ ޔޫކްރައިން އިން މިހާތަނަށްވެސް އުފުލާފައި ނުވާ އިރު އެގައުމުން ބުނެފައި ވަނީ، ގޮދަން ބޭރު ކުރަން އެއްބަސްވެފައި ވާ ކޮރިޑޯ ނުވަތަ ސަރަހައްދުގައި އަސްކަރީ އެއްވެސް ހަރަކާތެއް ހިންގާފައި ނުވާނެ ކަމަށެވެ. މިއާއެކު އދ އިން ވެސް ބުނެފައި ވަނީ، ކަޅު ކަނޑުގައި އޮތް ރަޝިއާގެ ފްލީޓަށް ހަމަލާ ދިން ދުވަހު، ގޮދަން އުފުލާ އެއްވެސް ބޯޓެއް ކަޅު ގަނޑަށް ވަދެފައި ނުވާ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ފެށި ޔޫކްރައިން ހަނަގުރާމައިގައި ދެފަރާތަށް ބޮޑެތި ގެއްލުންތައް ވެ އެތައްހާސް ބަޔަކު ދެފަރާތުންވެސް ވަނީ މަރުވެފައެވެ. އެންމެ ޒަމާނީ ހަތިޔާރާއި ބޮޑުބަޑި އަދި ޓޭންކާއި، ހަނގުރާމަމަތީ ބޯޓުތަކާއި، ޑްރޯންފަދަ އާލާތްތައް ބޭނުން ކުރުމުގެ އިތުރުން ސެޓެލައިޓްގެ އެހީގައި ހެކް ކުރުމާއި، ސީދާ އަމާޒު ދެނެގަނެ އަމާޒަށް ހަމަލާތައް ދެމުން ދާއިރު، ހަމަލާގެ ޒިންމާ ދެފަރާތުން ކުރެ ފަރާތަކުން ނުއުފުލާ އެތައް ހަމަލާއެއް ވެސް ދެއެވެ. އެގޮތުން، ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ގޮއްވާލުމާއި ރަޝިއާ އާއި ކްރިމިއާ ގުޅޭ މާސިންގާ ދިގު ބްރިޖަށް ދިން ހަމަލާ އާއި، ކަޅު ކަނޑުގެ ފްލީޓަށް 9 ޑްރޯންއެއް ބޭނުން ކޮށްގެން ދިން ހަމަލާތަކުގެ އިތުރުން ޔޫކްރައިންގެ ތެރެއަށް ފޮނުވާލާފައި ކަމިކާޒީ ޑްރޯން ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ.

ރަޝިއާއިން ބަދަލު ހިފުމަށް ޔޫކްރައިންގެ ހަކަތައިގެ ނިޒާމަށް ދިން ހަމަލާ އާ ގުޅިގެން ހާކީވް ޝަރަހައްދުގެ 140،000 ގެއަކުން ކަރަންޓް ކެނޑިފައި ވާ އިރު މީގެ ތެރޭގައި ހާކީވްގެ 50،000 ގެ ހިމެނެއެވެ.