އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މާދަމާ މަޖިލިހަށް ހުށަހަޅަން ނިންމައިފިއެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައި ވަނީީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މާދަމާގެ ޖަލްސާ އަށް ވަޑައިގެން، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، ހަރަދު ވާނެ ގޮތާއި، މަޝްރޫއުތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވާނެއެވެ.
ދައުލަތުގެ ފަރާތުން މާދަމާ ބަޖެޓް ހުށަހެޅުމުން، އެއަށް ބަހުސްކޮށް ދިރާސާކުރާނެ ތާރީހެއް ނިންމާނެއެވެ.
މާދަމާ ބަޖެޓް ހުށަހަޅާއިރު، އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރުމުގެ އިސްލާހު އޮތީ މުޅި މަޖިލީހުގެ ކޮމިޓީގައެވެ.
މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަންނަ އަންގާރަ ދުވަހަށް ޓެކްސް ބޮޑުކުރުމުގެ އިސްލާހުގެ މަސައްކަތްތައް ނިންމަވައިލައްވާނެ ކަމަށެވެ. ޓެކްސް ބޮޑުކުރުމުގެ މައްސަލައިގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ޓެކްސް ބޮޑުކުރުން އެއް އަހަރު ދުވަހަށް ފަސްކުރުމަށް ވެސް އެދިފައެވެ.