ކަޅު ކަނޑުގައި ތިބި ރަޝިއާގެ އަސްކަރީ ފްލީޓަށް ޔޫކްރައިން އިން ޑްރޯން ހަމަލާތަކެއް ދީފިއެވެ.

މިހާދިސާގައި ރަޝިއާގެ މަނަވަރުތަކުގެ ތެރެއިން މަނަރަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު ކަމަށް ރަޝިއާއިން ބުނެއެވެ. އެގައުމުން އިތުރަށް ބުނީ، ޑްރޯން ހަމަލާތައް ދިނުމަށް ޔޫކްރައިން އަށް އެހީވީ އިނގިރޭސިވިލާތުން ކަމަށެވެ. ނަމަވެސް އިނގިރޭސިން ބުނީ، ރަޝިއާއިން ފަތުރަނީ ދޮގު މައުލޫމާތު ކަމަށެވެ.

މި މައްސަލައިގައި ޔޫކްރައިން އިން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު، ހަމަލާ ދިނުމަށް 9 ޑްރޯން އެއް ބޭނުން ކުރިކަމަށް ރަޝިއާގެ އޮފިޝަލުން ބުނެއެވެ.

ރަޝިއާއިން ބުނީ، އެގައުމުގެ ފްލީޓަށް ހަމަލާ ދިނީ، ޔޫކްރައިންގައި އުފައްދާ ގޮދަނުގެ ބާވަތަތްތައް އެކްސްޕޯޓު ކުރުމަށް ވެފައި އޮތް އެއްބަސް ވުމުން ޔޫކްރައިން ބޭރުވެ ކަމަށާއި ރައްދުގައި ރޫކްރައިން އަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވާ ކަމަށެވެ. ރަޝިއާއިން ޔޫކްރައިން އަށް ދިން ހަމަލާތަކުގައި އެގައުމުގެ ހަކަތަ އާ ގުޅޭ ބައެއް ނިޒާމުތަކާއި އުމްރާނީ ބައެއް ވަސީލަތްތައް ހަލާކުވެފައި ވާ ކަަމަށް އޮފިޝަލުން ބުނެއެވެ.

މިއީ ރަޝިއާއިން 2014 އިން ފެށިގެން ހިފާ އަތްގަދަ ކޮށްފައި އޮތް ކްރިމިއާގެ ބަނދަރު ހިމެނޭ ސެވެންސަޕޮލް އަށް މިހާ ވަރުގަދަ ހަމަލާއެއް ޔޫކްރައިން އިން ދިން ފުރަތަމަ ފަހަރެވެ. ސެވެންސަޕޮލް އަކީ ކަޅު ކަނޑުގެ ރަޝިއާ ފްލީޓުގެ މައި މަރުކަޒެވެ.

މި ހާދިސާ އާ ގުޅިގެން ރަޝިއާގެ ޑިފެންސް މިނސިްޓްރީން ބުނީ، ޔޫކްރައިން އިން ފޮނުވާލި 9 ޑްރޯންވެސް ވައްޓާލި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ޑްރޯނެއް އަރާ އެއް މަނަވަރަށް ގެއްލުން ވި ކަމަށެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކްރައިންގެ ހުރިހާ ސަރަހައްދެއް އަނބުރާ ހޯދާނެ ކަމަށް ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވެފައި ވާ އިރު، މި ހަމަލާއާ ގުޅިގެންވެސް ޔޫކްރައިންގެ ބައެއް އޮފިޝަލުން ވަނީ އުފާފާޅު ކޮށްފައެވެ. މީގެ ކުރިން ކްރިމިއާއާ ރަޝިއާ ގުޅޭ ބްރިޖްގައި ޓްރަކެއް ގޮވާ ހިނގި ހާދިސާގައި ބްރިޖުގެ ބައެއް ހަލާކު ވުމުންވެސް ޔޫކްރައިން އޮފިޝަލުން ވަނީ އުފާފާޅުކޮށް، ބްރިޖު ގޮވި މައްޒަރު ފެންނަ ގޮތަށް ކުރަހާފައި އޮތް ސްޓޭމްޕް ސެޓެއްވެސް ނެރެފައެވެ.

ކްރިމިއާގެ ޕޯޓަށް މި ހަމަލާ ދިން އިރު، އދ އާއި ޔޫކްރައިން އާއި ރަޝިއާ އެއްބަސްވެ، ޔޫކްރައިންގެ ގޮވާމުގެ އުފެއްދުންތައް އެކްސްޕޯޓު ކުރަން އޮތީ ތައްޔާރު ވެފައެވެ. ދުނިޔޭގެ އެތައް ބައްރަކަށް ގޮވާމުގެ ބާވަތްތައް ސަޕްލައި ކުރާ އޮންމެ ބޮޑު އެއް ގައުމަކީ ޔޫކްރައިން ކަމަށް ވާއިރު، ދުނިޔެ ބަނޑަށް ޖެހުނަ ނުދިނުމަށާއި ކާބޯތަކެތީގެ ދަތިކަން ފޫބެއްދުމަށް ޔޫކްރައިންގެ އުފެއްދުންތައް އެކްސްޕޯޓު ކުރަން 3 ބައިމީހުން އޮތީ އެއްބަސްވެފައެވެ. ނަމަވެސް މިހަމަލާ އާ ގުޅިގެން މަޝްރަހު އިތުރަށް ހޫނުވާނެ ކަމަށް މުރާސިލުން ބުނާ އިރު، އެއްބަސްވުން އޮތް ގޮތަށް ބުރޫ ނާރާ ގޮވާން އެކްސްޕޯޓު ކުރެވެނެ ގޮތް ލަސްވެގެން ނޮވެމްބަރު މެދާ ހަމައަށް ހެދުމަށް އދ އިން ވަނީ ގޮވާލާފައެވެ.

ރަޝިއާއިން ޔޫކްރައިން އަށް އެރި ފަހުން 8 މަސް ވެގެން ދިޔަ އިރު ދެފަރާތަށް އަގު ނުކުރެވޭ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި ހުޅަނގުން ރަޝިއާ އެކަހެރި ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ރަޝިއާއަށް ލިބޭ ގެއްލުން ބޮޑުވަމުން ދާއިރު 17 ބިލިއަން ޑޮލަރަށް އަގުމަގު ކުރެވޭ ތަޝިއާގެ މުދާ ޔޫރަޕިއަން ޔޫނިއަން އިން ހިފަހައްޓައިފިއެވެ. މީގެ ތެރޭގައި ތަޝިއާގެ މަހުޖަނުންގެ މުދާވެސް ހިމެނެއެވެ.