އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީގެ ފިރިކަލުން ޕައުލް ޕެލޯސީ އަށް ހަމަލާ ދިނީ މަރުތޭލަކުން ކަމަށާއި ޕެލޯސީގެ ކަނާއަތާއި އަތްތިލައަށް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޕެލޯސީއަށް ހަމަލާ ދިން މީހާ މިހާރު ހައްޔަރު ކޮށްފައި ވާ އިރު އޭނާ، ޕެލޯސީއަށް ހަމަލާދީ އޭނާގެ އަނބިކަނބަލުން ނޭންސީ ޕެލޯސީ ކޮބާތޯ އެހި ކަމަށާއި، ނޭންސީ ވަޑައިގަންނަވަންދެން ޕެލޯސީ ބަންނަން ވެސް މަސައްކަތް ކުރި ކަމަށް އޮފިޝަލުން ބުނެއެވެ.

ހުކުރު ދުވަހު ހެނދުނު ހިނގި މިހާދިސާގައި ފުލުހުން، ސީން އަށް އެޓެންޑްވެ ހަމަލާ ދިން 42 އަހަރުގެ މީހާ އަތުލި ކަމަށާއި ފަރުވާ އަށް ޕެލޯސީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެއެވެ.

ސެންފްރެންސިސްކޯގައި ޕެލޯސީ ދިރިއުޅުއްވާ ގެއަށް ވަދެ ދިން މިހަމަލާގައި އޭނާ އެގެއަށް ވަނީ ވަލު ދޮރާށިން ކަމަށާއި، ހަމަލާ ދިނުމުގެ އަސްލު ބޭނުން އަދި މުޅިން ސާފު ނުވާ ކަމަށް ބުނެއެވެ.

މި ހަމަލާ އަކީ ސިޔާސީ ރޭވުމެއްގެ ދަށުން ދިން ހަމަލާއެއް ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރާ އިރު، ޕެލޯސީ ދެކެ ރުޅި އަންނަ ރިޕަބްލިކަނުން ގިނަ ކަމަށް ބުނެ، ނުސީދާ އަމާޒު ކުރަނީ އިދިކޮޅު ފަރާތްތަކަށެވެ.

މި ހަމަލާ ދިން އިރު އަނބިކަނބަލުން އަދި ނޭންސީ ވަޑައިގެން ހުންނެވީ ވޮޝިންޓަންގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ސެންފްރެންސިސްކޯގެ ޕޮލިސް ޗީފް ވިލިއަން ސްކޮޓް ވިދާޅުވީ، ހަމަލާ ދިން މީހާވެސް މިވަގުތު އޮތީ ހޮސްޕިޓަލުގައި ކަމަށާއި ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެވެން އަދި ނެތް ކަމަށެވެ. އަދި ޕެލޯސީއަސް ދިން ހަމަލާއަކީ އޮޅިގެންނަށް ވުރެ ބޮޑަށް ގަސްދުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނޭންސީ ޕެލޯސީ އަކީ އެމެރިކާގައި ނުފޫޒު ގަދަ ސިޔާސީ ބޭފުޅެކެވެ. 2021 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ރައީސް ކަމުގެ 4 ވަނަ ދައުރެއް އަދާ ކުރައްވަމުން ގެންދަވާ އިރު ޑިމޮކްރެޓިކް ޕާޓީން އެމެރިކާގެ ރިޔާސީ ރޭހަށް ވަޑައިގަތުމަށް ވެސް ދެން އެންމެ ގާތީ އޭނާ ކަމަށް ވެސް ބުނެއެވެ.

ނޭންސީ މިހާރުވެސް ގެންދަވަނީ އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފައިސާ ހޯއްދެވުމާއި ކެމްޕޭން ކުރެއްވުމުގައި ދަތުރު ކުރައްވަމުންނެވެ.