އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީގެ ފިރިކަލުން، ޕައުލް ޕެލޯސީއަށް މީހަކު ހަމަލާ ދީފިއެވެ. ނޭންސީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ އަށް ހަމަލާ ދިން މީހާ މިހާރު ފުލުހުން ހައްޔަރު ކޮށްފައި ވާ ކަމަށާއި ހަމަލާދިނީ ސެންފްރެންސިސްކޯގައި ހުންނަ އޭނާގެ ގޭގައި ކަމަށެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ފިރިކަލުންނަށް ހަމާލާ ދިން އިރު، ނޭންސީ ޕެލޯސީ ގޭގައި ނޫޅުއްވައެވެ.

މިހަމާލާ ދިން މީހާ އާއި ހަމަލާ ދިން ސަބަބު އަދި ހާމަ ކޮށްފައި ނުވާ އިރު، ނޭންސީގެ އޮފީހުން ބުނީ، ޕެލޯސީ އަށް އެންމެ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ދެމުން ދާ ކަމަށާއި، ޕެލޯސީއަށް ދިން ހަމަލާ އާ ގުޅިގެން ކަމާ ނުގުޅޭ ވާހަކަތައް ނުދެކުމާއެކު އެމީހުންގެ ޒާތީ ކަންކަމަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނޭންސީއަށް ގުޅުއްވާ ހަމްދަރުދީ ފާޅުކުރައްވާފައި ވާކަމަށް ބުނެއެވެ. އަދި އެމެރިކާ ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށާއި ހުރިހާ ބާވަތެއްގެ ހަމަނުޖެހުމަކާ ދެކޮޅު ހައްދަވާ ކަމަށް ބައިޑަން ވިދާޅުވެފައި ވެއެވެ. އަދި ނޭންސީގެ އާއިލާއަށް އިއުތިރާމް ކޮށް އެމީހުންގެ މިނިވަން ކަމަށް އިހުތިރާމް ކުރުމަށް އާންމުންނަށް ގޮވާލެއްވިއެވެ.

މި ހަމަލާ ޕެލޯސީއަށް އަމާޒުވި އިރު އެމެރިކާގެ މެދު ޓާމް އިންތިހާބު އަންނަން އޮތީ ދެން 2 ހަފްތާއެއްހާ ދުވަހެވެ. ނޭންސީ ޕެލޯސީގެ ފިރިކަލުން ޕައުލް އަކީ، ރިޕަލްލިކަން ޕާޓީގެ މެންބަރުން އަބަދުވެސް ފާޑުކިޔުން އަމާޒު ކުރާ ބޭފުޅެއް ކަމަށް ބުނެއެވެ.

އުމުރުން 82 އަަހަރުގެ ޕައުލް އަކީ، ސެންފްރެންސިސްކޯގައި ރިއަލްއެސްޓޭޓް ވިޔަފާރި ކުރައްވާ މަހުޖަނެކެވެ. އޭނާ ވަނީ މިއަރުގެ ކުރީކޮޅު މަސްތުގެ ހާލުގައި ހުންނަވައިގެން ވެހިކަލެއް ދުއްވި މައްސަލައެއްގައި 5 ދުވަހަށް ޖަލަށްވެސް ލައިފައެވެ.

މިހާރު އެމެރިކާގެ ކަމާބެހޭ ދާއިރާތަކުން މި މައްސަލަ ތަހުގީގު ކުރަމުން ދާ އިރު، ޕައުލް އާއި ނޭންސީ ކައިވެނި ކުރައްވައިގެން އުޅުއްވާތާ 60 އަހަރު ވެއްޖެއެވެ. ދެބޭފުޅުންގެ ދިރިއުޅުއްވުމުގައި މައްސަލަތަކެއް ނެތް ކަމަށް ހަބަރުތައް ބުނާ އިރު، ނޭންސީ އަކީ ވަރަށް ގޮތް ހުރި ބޭފުޅެއް ކަމަށް މުރާސިލުން ބުނެއެވެ. އޭނާ އަކީ އަމިއްލް ގޮތްތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި، ސިޔާސީ މައިދާނުގައިވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.