ރަޝިއާއިން ޔޫކްރެއިން އަށް އަރާ ހަމަލާ ދޭން ފެށިތާ 8 މަސް ވީ އިރު، އެމެރިކާއިން ރަޝިއާ ކުށްވެރި ކުރުމާއި އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ހަނގުރާމައިގެ ޖަރީމާ ހިންގަވާ ކަމަށް ބުނުމަށް ވުރެ މާ ފުޅާކޮށް ބިރެއްގެ ގޮތުގައި އެމެރިކާ ސިފަ ކުރަނީ އަދިވެސް ޗައިނާއެވެ.

އިއްޔެ އެމެރިކާއިން އާންމު ކުރި ޑިފެންސް ސްޓްރެޓަޖީ ކަރުދާހުގައި ބުނެފައި ވާ ގޮތުން، ޗައިނާ އަކީ، އަޅާ ނުލައި ދޫކޮށް ލެވެން ވެސް ނެތް އަދި ބަލައިގަނެވެން ވެސް ނެތް ގައުމެއް ކަމަށާއި ދުނިޔޭގެ މުހިންމު ސަރަހައްދުތަކުން ޗައިނާގެ ބާރު ކުޑަކުރުމަކީ އިސްތިރާޖީ ނުވަތަ ސްޓްރެޓީޖިކް ކޮށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޗައިނާގެ ނުފޫޒާއި ބާރާއި އަސްކަރީ ގާބިލު ކަމުގެ އިތުރުން އެމެރިކާއިން ޗައިނާ އާ މެދު ހިންހަމަ ނުޖެހެނީ، ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބާރު ގަދަކުރުމާއި ޗައިނާގެ އަތް ދަށުން މިނިވަންވާން މަސައްކަތް ކުރާ ޓައިވާނަށް ރައްކާތެރިކަމެއް ނެތުމާއި، ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުމަގުތަކުގައި ޗައިނާގެ ހަރާކާތްތައް ފުޅާވެ، ބާރުގަދަކުރަމުން ދާތީއެވެ.

އަދި އިންޑޯ ޕެސިފިކް ކަނޑުގެ ގައުމުތަކާއި އެމެރިކާ އާ އޮންނަ ގުޅުމަށް ބުރޫ އަރާ ގޮތަށް، ޗައިނާއިން ބާރުގަދަ ކުރަމުން ދިޔުމުގެ އިތުރުން އެ ސަރަހައްދުގެ ގައުމުތަކަށް ބިރު ދައްކާ ކަމުގެ ތުހުމަތުވެސް އެމެރިކާއިން ކުރެއެވެ.

"ބައިނަލްއަގުވާމީ ގުޅުންތަކުގެ ދާއިރާ އާއި އަސްކަރީ ދާއިރާގައި އެމެރިކާގެ ހަމަ އެކަނި ވާދަވެރިއަކީ ޗައިނާ، އަދި އެމަގަށް މަސައްކަތް ކުރާ ބަޔަކީވެސް ޗައިނާ" އެ ރިޕޯޓުގައި ބުނެއެވެ.

މިއާއެކު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ، ރަޝިއާއަށް، ޗައިނާ ފަދައިން ދިގު ދެމިގެން ދާ ގޮތަށް (ސިސްޓަމެޓިކަލޠ) އެމެރިކާ އާ ޗެލެންޖް ނުކުރެވޭނެ ކަމަށާއި ނަމަވެސް ރަޝިއާގެ ބޯހަރުކަން (ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން) ހުރުމާއެކު ދެގައުމުގެ ދެމެދުގައި އޮތް ހަމަތަކާއި ދެގައުމުގެ އިންޓަރެސްޓް ބަދަލުވެ ނުރައްކާ ވެއްޖެ ކަމަށެވެ.

80 ސޮފްހާގެ މައްޗަށް އެކުލެވޭ އެ ރިޕޯޓުގައި ރަޝިއާގެ ވާހަކަވެސް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން މޮސްކޯ އަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ބިރެއް ކަމަށް ބުނެ، އެ ގައުމުގެ ނިއުކްލިއާ ބާރާއި، ސައިބާ އޮޕަރޭޝަންތަކާއި ދުރު ރާސްތާ މިސައިލްތަކުގެ ވާހަކަ ފާހަގަ ކުރެއެވެ. އެހެން ކަމުން ޗައިނާ އާއި ރަޝިއާ ބައިވެރިންގެ ގޮތުގައި ކުރިއަށް ދާނަމަ އެއީ އެމެރިކާގެ ފަސްގަނޑުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ނުރައްކާ ވުން ބޮޑު ކަމެއް ކަމަށާއި، ޓެރަރިޒަމްގެ ނުރައްކާވެސް އޮތް ކަމަށެވެ.