ހައްޔަރުގައި ހުރި މީހާ ނިޔާވުމުގައި ފުލުހުންގެ އިހުމާލު އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި މިއަދު ހައްޔަރު މީހަކު ހަވީރުގެ ވަގުތެއްގައި ނިޔާވުމާ ގުޅިގެންނެވެ.
އިމްރާން ވިދާޅުވީ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު ނިޔާވެފައި ވާތީ އެކަން ޕްރޮފެޝަނަލް ސްޓޭންޑާޑްސްއިން މިހާރު ބަލަން ފަށާފައިވާ ކަމަށާއި ރާއްޖޭގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާ ތަކުންވެސް އެ މައްސަލަ ހާއްސަ ސަމާލުކަމަށް ދީގެން އަވަހަށް ބެލުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތު ވެއްޖެނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މެޔަށް ތަދެއް އަރައި، ފިޓް ޖެހެން އުޅޭ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް އެ ސެންޓަރުން އެމީހާ ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ އާ ގުޅޭ މައުލޫމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހިއްސާ ކޮށްފައި ވާ ކަމަށާއި މި ހާދިސާ ތަހުގީގުކޮށް ދިނުމަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާ ފުލުހުން ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަން އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މަޑަވެލި ސިއްހީ މަރުކަޒު ކައިރިއަށް ވަނީ އެ ރަށުގެ ބައެއް މީހުން އެއްވެފައެވެ. އެކަން ވަނީ މަޑަވެލި ކައުންސިލްގެ ރައީސް 'ދަ ޕްރެސް' އަށް ކަށަވަރު ކޮށް ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ މިއަދު މެންދުރު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫއިން ހައްޔަރު ކުރި މީހެކެވެ. އަދި މިއަދު ހަވީރު ފުލުހުންގެ ލޯންޗެއްގައި އެމީހާ ވަނީ މަޑަވެއްޔަށް ގެންގޮސްފައެވެ. މަޑަވެއްޔަށް ލޯންޗް ގާތްކުރި އިރު ވެސް އެ ރަށު ޖެޓީ ކައިރިއަށް އެމްބިއުލާންސް ގާތްކޮށްފައި އޮތް ކަމަށާއި އެމީހާ އެމްބިއުލާންސްގައި ގެންދިޔައީ ސިއްހީ މަރުކަޒަށެވެ.