ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން ތިބި ޔަހޫދީ އިޒްރޭލު ސިފައިން ނާބުލުސް އަށް ވަދެ ބަޑިޖަހާ 6 މީހަކު ޝަހީދު ކޮށްލައިފިއެވެ. އަދި މި އުދުވާނުގައި ފަލަސްތީނުގެ 21 މީހަކު ޒަހަމްވި ކަމަށްވެސް ހަބަރު ލިބެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން ނާބުލުސްއަށް ވަނެވެ. އެއާއެކު ހަތިޔާރު އެޅި ފަލަސްތީނުގެ ޖިހާދީންނާއި ސިފައިން އެމީހުންނާ ކުރިމަތިލާފައި ވެއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އާންމުންގެ އެކަކު ހިމެނޭ ކަމަށެވެ.

ޝަހީދު ވި އެންމެންނަކީވެސް ޒުވާން އުމުރުގެ މީހުން ކަމަށް ވާއިރު އެމީހުން ޖިހާދު ކުރަމުން ދަނީ އިޒްރޭލުގެ އުދުވާނުން ފަލަސްތީނު ސަލާމަތް ކުރުމަށެވެ.

ހަބަރުތައް ބުނާ ގޮތުން، މިއަދު ވަނީ ރާމައްލޯ ކައިރިން ނަބީ ސޯލިހުން ވެސް ޒުވާނަކު ޝަހީދު ކޮށްލާފައެވެ. ނަމަވެސް މި މައްސަލައިގައި އިޒްރޭލުން ބުނެފައި ވަނީ އެމީހުންގެ ސިފައިން ހަރަކާތްތެރިވަމުން ދަނީ ނާބުލުސްގައި އެކަނި ކަމަށެވެ.

ފަލަސްތީނުގެ އާންމުން ބުނާގޮތުން، އިޒްރޭލުގެ ސްނައިޕަރުން (ދުރުން އަމާޒަށް ހަމަލާ ދޭ މީހުން) ތިބީ އިމާރާތްތަކުގެ ފުރާޅުތަކުގެ މަތީގައި މުޅި ޝަހަރު ފެންނާނެހެން ބަޑި ބަހައްޓައިގެންނެވެ.

އަދި ރަށުތެރެއަށް ހަމަލާދޭން މިސައިލް ހަރުކޮށްފައި ހުންނަ ޑްރޯން ބޭނުން ކުރަމުން ދާ ކަމަށްވެސް ބުނެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި، ޒަހަމްވެފައި ތިބި މީހުންނަށް އެހީވާން، ބައެއް ސަހަރައްދުތަކަށް ވަނުމަށް އިޒްރޭލު ސިފައިން ދަނީ ހުރަސްވެސް އަޅަމުންނެވެ. އިތުރަށް ލިބޭ ހަބަރުތައް ބުނާގޮތުން ނާބުލުސްގެ ރަސް އަލް އައިން ގައި ދުއްވާފައި ދިޔަ އާންމު ވެހިކަލަކަށް ބޮން އަޅާ އޭގައި އިން މީހާ ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ކުދިކުދިވެފައި ވާ ހަށިގަނޑު ކަމަށްވެސް ބުނެއެވެ.

ޔަހޫދީ އިޒްރޭލުން ފަށާފައިވާ މި ބޮޑު އުޕަރޭޝަނަކީ ދާދި ފަހުން "ލަޔަންސް ޑެން" ކިޔާ ހަތިޔާރު އެޅި ޖަމާއަތަކުން އިޒްރޭލު ސިފައިންގެ ދެމީހެއްގެ ގަޔަށް ބަޑިޖަހާ މަރާލުމުން އެ ޖަމާއަތުގެ މީހުން ހޯދާ ހިފާ ހައްޔަރު ކޮށް، ނުވަތަ މަރަން ފަށައިގެން އުޅޭ އޮޕަރޭޝަނެކެވެ.