މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަންކަން ނުނިމި ހުރުމުން އޮގަސްޓު މަހުގެ 25 ވަނަ ދުވަހު އެ އިއުލާން ވަނީ ބާތިލު ކޮށްފައެވެ.

އޭގެ ފަހުން އަލުން އިއުލާން ކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެމުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވެފައި ވާއިރު ގާނޫނުން ކަނޑައަޅާފައިވާ މިންވަރަށް މީހުން ކުރިމަތި ނުލާތީ، އަނެއްކާ ވެސް މިވަނީ މުއްދަތު އިތުރު ކޮށްފައެވެ.

އެގޮތުން މިހާރު މުއްދަތު ހަމަވާނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް އަންނަ މަހުގެ 2 ވަނަ ދުވަހު މެންދުރުފަހު 2:00 ގެ ކުރިން މެއިލް ކުރުމަށް އެމްއެމްސީން ވަނީ އެދިފައެވެ.

ދައުރު ހަމަވާ 13 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނަކީ މީޑިއާ ތަމްސީލް ކުރާ މެމްބަރުންނެވެ. ބާކީ ހަ މެންބަރުންނަކީ އާންމުން ތަމްސީލް ކުރާ މެންބަރުންނެވެ.

މީޑިއާ ތަމްސީލް ކުރާ ގޮނޑިތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ މީޑިއާތަކުންނެވެ. އާންމު މެމްބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަަސައްކަތް ނުކުރާ މީހުންނަށެވެ.

މީޑިއާ ކައުންސިލްގެ މިހާރުގެ މެންބަރުންގެ ތެރެއިން 13 މެމްބަރުންގެ ދައުރު އަންނަ ޑިސެމްބަރު 14އަށް ހަމަވާނެއެވެ.