ރާއްޖޭގެ ކަނޑުތައް ވިއްކުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިފަދަ ކުއްލި މައްސަލައެއް ހުށަހަޅައިފާ މިވަނީ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައި ދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބައެއް ހިމެނޭ ގޮތަށް ފޯޅަވައްސާއެކު އޮންނަ ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ލޯވް އޮފް ދަ ސީ އަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖޭން މިހާތަނަށް ވަކާލާތުކޮށް ވޯޓު ދީފައިވަނީ މޮރިޝަސްއާ ދެކޮޅަށް ކަމަށެވެ. އެހެންނަމަވެސް އެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދީފިނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ގަބޫލުކުރެވޭތީ އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އެ ކުއްލި މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.
ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ޗާގޯސް އިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ބައި ގެއްލޭނެތީ އާއި އެކަމުގައި ރާއްޖޭގެ ހައްގު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެ އަށް އެއްކޮށް ބަންދުވާނެ ކަމަށާއި ޗާގޯސް އަކީ ކަނޑުގެ ދިރުންހުރި ސަރަހައްދަކަށް ވިޔަސް އެތަނުގައި މީހުން ދިރިއުޅުނުކަން ސާބިތު ނުވާތީ ސަރަހައްދު ބައިކުރުމުގައި ބައިނަލްއަގުވާމީ ގޮތުން އިސްކަންދޭނީ މަސްވެރިކަމުގެ ސިނާއަތު ބޮޑަށް އޮންނަ ގައުމަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.
ޗާގޮސް މައްސަލާގައި ކުރިން ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމު ކަމުގައި ރާއްޖޭން ނިންމި ނިންމުމަކީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ރާއްޖެ އަށް ލިބޭނެ ކަމެއް ކަމަށާއި 96،000 އަކަ ކިލޯމީޓަރުގެ ބޮޑުބައެއް ގެއްލިދާނެ ކަމެއް ކަމަށްވެސް އެ މައްސަލާގައި ފާހަގަކުރެއެވެ.
މިހާރު ރާއްޖޭން އަމަލުކުރަމުންދާ ގޮތުން ދައުލަތުގެ ހައްގުތަކެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމާއި މިކަމުގައި ބޭރުގެ ނުފޫޒު އޮތް ކަމަށްވެސް ބެލެވޭ ކަމަށާޢި ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ކަނޑުން ކޮޑި އިންޗިއެއްގެ މިންވަރު ވިޔަސް އެއްވެސް ބަޔަކަށް ދިނުމާ ދެކޮޅު ކަމަށް ވެސް ވަނީ ބުނެފައެވެ.
އާދަމް ޝަރީފް މި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު ކުރީގެ ސިޔާސަތަށް ބަދަލު ގެނެސް، ޗާގޯސްގެ މައްސަލައިގައި ރާއްޖޭން މޮރިޝަސް އާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމި ސަބަބު ހޯދުމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވަނީ މަޖިލިހަށް ގަރާރެއް ވެސް ހުށަހަޅާފައެވެ.