ޗާގޯސްގެ މައްސަލައިގައި ކޯލިޝަނުން ވަކިނުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމު ދައްކަވާ ވާހަކަތަކަކީ ބޭކާރު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ތޯރިގު މިފަދައިން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައި ދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ގާސިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައެވެ.
ގާސިމް މިއަދު ވިދާޅުވީ ރާއްޖޭގެ ބިމުގެ އިތުރުން ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކުޑަ އިންޗިއެއްވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށާއި ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް އިމްތިމާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ދިވެހިން އެދެނީ ދިވެހި ސަރުކާރުން އަންނާން އޮތް ޖީލު ތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް އިހުލާސްތެރި ކަމާއެކު ކުރާތަން ފެނުން ކަމަށާއި ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް "ބޮޑުބޭބެ" ގެ އެދުމަކަށް ދޫކޮށް ނުލާކަން ސާބިތުވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ތޯރިގު ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި ގާސިމްގެ ހިޔާލު ފާޅު ކުރެއްވީތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެވަރުން އަދި ނުނިމޭ ކަމަށާއި ގައުމާއި ދީނުގެ ހައްގުގައި ކޯލިޝަން ދޫކޮށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި ކޯލިޝަންގައި ހުރެ ދައްކާ އެފަދަ ވާހަކައިގާ އުރަތްޕެއް ނެތް ކަމަށް ވެސް ތޯރިގު ވަނީ ވިދާޅުވެފައެވެ.