ދެހާސް ތޭރަ ވަނަ އަހަރު ނުކުތް ފިލްމު "ދަ ކޮންޖުއަރިން" ގެ ހަތަރު ވަނަ ފިލްމެއް ވެސް އަންނާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.
މިދިޔަ އަހަރު ވަނީ އެ ފިލްމުގެ ތިން ވަނަ ބައި ނެރެފައެވެ. "ދަ ކޮންޖުއަރިން: ދަ ޑެވިލް މޭޑް މީ ޑޫ ދެޓް" އަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ހަތަރު ވަނަ ފިލްމުގެ ސްކްރިޕްޓް ލިޔާނީ މަޝްހޫރު ފިލްމު "އަކުއަމޭން 2" ގެ ރައިޓަރު ޑޭވިޑް ލެސްލީ ޖޯންސަން މެކް ގޯލްޑްރިކްއެވެ. ހަގީގީ ހާދިސާތަކެއް މައްޗަށް ބިނާކޮށް ކުޅޭ މި ފިލްމުގެ ބައިތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެެވެ.
މިދިޔަ އަހަރު މި ފިލްމުގެ ތިން ވަނަ ބައި ނުކުތް އިރު އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 206.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އެ ފިލްމުގައި ފެނިގެންދިޔައީ 1981 ވަނަ އަހަރު މަރުގެ ތުހުމަތެއް އޮތް އާރން ޖޯންސަންގެ މަރުގެ ވާހަކަ އެވެ. އެޑް އާއި ލޮރެއިން ވޯރެންގެ ކުޅަދާނަ އެކްޓިން އެއް ފެންނަ މި ފިލްމުގެ ހަތަރު ވަނަ ބައިވެސް މިދެތަރިން ކުޅޭނެ ކަމަށް ހަބަރުތައް ބުނެއެވެ.
ފިލްމުގެ ހަތަރު ވަނަ ބަޔަށް ދޭނެ ނަމެއް އަދި ނިންމާފައެއް ނުވެއެވެ. ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2014 ވަނަ އަހަރުގައެވެ.
"ދަ ކޮންޖުއަރިން" ގެ ފިލްމުތަކަކީ ބޮކްސް އޮފިސްގައި އެންމެ ކާމިޔާބު ބިރުވެރި ފިލްމުތަކުގެ ތެރެއިން ނުވަ ވަނައަށް ޖާގަ ހޯދާފައިވާ ފިލްމުތަކެކެވެ. އެ ފިލްމުތަކަކީ އަސްލު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކުޅޭ ފިލްމުތަކެވެ. މިދިޔަ އަހަރު ވަނީ އެ ފިލްމު ކުޅެފައިވާ ގެ ވެސް ވިއްކާލަން ނިންމާފައެވެ. 18.5 މިލިއަން ރުފިޔާއަށް ވިއްކާލުމަށް ނިންމާފައިވާ މި ގެއަކީ ރޯޑް އައިލެންޑްގެ ބިއުރިލްވިލާގައި ހުންނަ ގެއެކެވެ. 1836 ވަނަ އަހަރު ހަދާފައިވާ މިގެއިން ރޫހާނީ އެތައް ކަމެއް ތަޖުރިބާ ކުރަންޖެހޭ ކަމަށް މީހުން ބުނެއެވެ.