ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަދާޅުވީ ރާއްޖެ ތަރައްގީއަށްކުރާ ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން މުހިންމު ދައުރެއް އަދާކުރައްވާ ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާދެއްވާ ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮންނަ އަހަރުތަކަށް ދެމިގެންދާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ރާއްޖެއާ ޗައިނާއަކީ ތަރައްގީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ގައުމުކަން ވެސް ފާހަގަކުރައްވާފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންގޮސްފައިވާ ބައެއް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ގޮތުގައި ރައީސް ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުކަމުގައިވާ ސިނަމާލެ ފްލެޓްތަކުގެ މަޝްރޫއާއި ހިޔާ ފްލެޓް މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއާއި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއު ފާހަގަކުރައްވާފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން މަޝްރޫއުތަކުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި ކުރިމަތިވާ ދަތިކަމަށް ދާއިމީ ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރައްވާ ރައީސް ވަނީ ޗައިނާގެ އެހީތެރިކަމާއެކު އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.