ތުއްތު ކުދިންނާއި ކުޑަކުދިން ކެއްސާތީ ދޭ ބޯ ބޭހުގައި ހުރި މާއްދާއެއްގެ ސަބަބުން، ކިޑްނީ ހަލާކުވެ މަރުވި ކުދިންގެ އަދަދު 133 އަށް އަރައިފިއެވެ.
އިންޑޮނީޝިއާގެ އޮފިޝަލުން ހާމަކޮށްފައި ވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރިޕޯޓު ކުރި ކޭސްތަކުގެ ތެރެއިން މަރުވި ކުދިންގެ އަދަދު 133 އަށް އަރާފައި ވާ އިރު ގިނައީ 5 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
އިންޑޮނީޝިއާގައި ކެއްސާ ބޭހުގެ ގޮތުގައި އާންމުކޮށް ގެންގުޅެނީ ޕެރަސެޓްމޯލް އާއި ޕެނަޑޯލްގެ ބްރޭންޑްތަކެވެ.
ކެއްސާތީ ދޭ ބޭ ބޭހުގައި ހިމެނޭ އެތެލީން ގަލައިކޯލް އާއި ޑައިތެލީން ގްލައިކޯލް އަކީ ކިޑްނީ ހަލާކުވާން މެދުވެރިވާ މާއްދާ ކަމަށް މިޙާތަނަށް ވަނީ ބެލެވިފައެވެ. މި ދެ މާއްދާ އަކީ ދާދި ފަހުން ގެމްބިއާގައި ކެއްސާ ބޭސް ދިނުމުގެ ސަބަބުން 70 ކުޑަކުދިން މަރުވި ހާދިސާގައިވެސް ބޭނުން ކުރި ސިރަޕުތަކުން ފެނުނު ދެ މާއްދާއެވެ.
ގެމްބިއާ ކޭސް އާ ގުޅިގެން ލެބޯޓަރީ ތަހުލީލު ތަކަށް ފަހު ޑަބްލިއުއެޗްއޯއިން ބުނީ، އެ ބޭސްތަކުގައި އެކަށީގެން ވާ މިންވަރަށް ވުރެ ގިނައިން ޑައިތެލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ހުރިކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އެއީ ވިހަ މާއްދާއެއް ކަމަށާއި އޭގެ ސަބަބުން ބަނޑުގައި ރިހުމާއި، ބޭރަށް ހިންގުމާއި ހޮޑުލެވުމާއި ކުޑަކަމުދާން ދަތިވުމާއި ބޮލުގައި ރިހުމާއި، ވިސްނުމަށް ބަދަލު އައުމުގެ އިތުރުން ކިޑްނީ ހަލާކު ކޮށްލާ ކަމަށެވެ. އަދި ނަތީޖާއަކީ މަރުކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އީ ކޮލި ކިޔާ ބެކްޓީރިއާއެއް ވެސް އެ ބޭސްތަކުން ފެނިފައި ވާ ކަމަށާއި އޭގެ ސަބަބުން ބޭރަށް ހިންގުމާއި ހޮޑުލެވޭނެ ކަމަށް ވެސް ބުނެއެވެ.
އިންޑޮނީޝިއާއިން ގިނަ އަދަދެއްގެ ކުދިން މަރުވި އިރު، އެ ގައުމުގައި ގެންގުޅޭ ސިރަޕް ތައް ގެންބިއާގައި ގެންގުޅޭ ސިރަޕް ތަކާ ތަފާތެވެ. ނަމަވެސް ކުޑަކުދިންނަށް ދޭ ކެއްސާ ބޭހުގައި އެއް މާއްދާތަކެއް ބޭނުން ކޮށްފައި ހުރެއެވެ. އެއީ ޑައިތެލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް އެވެ.
މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާ ގައިވެސް ބޮޑު ތަހުގީގެއް ފަށާފައި ވާއިރު، ބާޒާރުގައި ހުރި 102 ވައްތަރެއްގެ ކޯފް ސިރަޕް ދަނީ ތަހުލީލު ކުރަމުންނެވެ.
ރާއްޖެ އަކީވެސް ކެއްސާތީ ކުޑަކުދިންނަށް ގިނަ ބާވަތްތަކުގެ ސިރަޕް ދޭ ގައުމެކެވެ. ރާއްޖޭގައި އާންމުކޮށް ހުންނަނީ، އެސްކޮރިލް، ކޮފްސީ، ޓްކްސުރިލް، ޕިރިޓޮމް، ބެނަޑްރީލް ފަދަ ބޭސްތަކެވެ.
ގެންބިއާ ކޭސް އާ ގުޅިގެން ރާއްޖެއިން ބަޔާން ނެރެ، އެ ބޭސްތައް ރާއްޖޭގައި ބޭނުން ނުކުރާ ކަމަށް ބުނެފައި ވީ ނަމަވެސް، އިންޑޮނީޝިއާ ކޭސް އާ ގުޅިގެން ރާއްޖޭގެ ފްޑްއެންޑް ޑްރަގް އޮރޯރިޓީން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.