ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ވިއްކާ ޓްރެޝަރީ ބޮންޑާއި ޓީބިލުތަކަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު 63.5 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ދަރަނީގެ ޖުމުލަ 63.5 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެތެރޭގެ މާކެޓަށް ޖުމްލަ 54.3 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ބޮންޑާއި ސުކޫކަށް ދައްކަންޖެހޭ އަދަދު ވަނީ 9.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ ބޮންޑަށް ދައްކަން ޖެހޭ 1.5 ބިލިއަން ރުފިޔާ އާއި ސުކޫކަށް ދައްކަން ޖެހޭ 7.6 ބިލިއަން ރުފިޔާއެވެ.

ޓީބިލަށް ދައްކަން ޖެހޭ 63.5 ބިލިއަން ރުފިޔާގެ ތެރެއިން އެއްމަސްތެރޭ ދައްކަންޖެހޭ 2.2 ބިލިއަން ރުފިޔާ އާއި ތިން މަސްތެރޭ ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ އާއި ހަ މަސް ތެރޭ ދައްކަންޖެހޭ 4.3 ބިލިއަން ރުފިޔާ އަދި އެއް އަހަރު ތެރޭ ދައްކަންޖެހޭ 24.8 ބިލިއަން ރުފިޔާ ހިމެނެއެވެ.

ހަމައެއާއެކު 3 އަހަރާއި 5 އަހަރާ ދެމެދު ދައްކަން ޖެހޭ 9.8 ބިލިއަން ރުފިޔާއާއި 5 އަހަރާއި 7 އަހަރާ ދެމެދު ދައްކަން ޖެހޭ 1.6 ބިލިއަން ރުފިޔާ އާއި 7 އަހަރާއި 10 އަހަރާ ދެމެދު ދައްކަން ޖެހޭ 5.2 ބިލިއަން ރުފިޔާ އާއި 10 އަހަރުތެރޭ ދައްކަން ޖެހޭ 12 ބިލިއަން ރުފިޔާ ހިމެނެއެވެ. އެހެކަމުން ދައުލަތުން އެންމެ ގިނައިން ވިއްކާފައި ވަނީ އެއް އަހަރު ދުވަހަށް ވިއްކާފައިވާ ޓީބިލެވެ. އެއް އަހަރު ދުވަހަށް ވިއްކި ޓީބިލުގެ އަދަދު 24 ބިލިއަން ރުފިޔާ އަށް އަރާފައި ވެއެވެ.

މި މަހު ބޮންޑާއި ޓީބިލަށް ދައްކަން ޖެހޭ އަދަދު 63.5 ބިލިއަން ރުފިޔާ އަށް އަރާފައިވާ އިރު މިދިޔަ މަހު ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުގައި އެ އަދަދު ހުރީ 61 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ 2.5 މިލިއަން ރުފިޔާގެ އިތުރު ވުމެކެވެ.

ފިނޭންސުން ބުނެފައި ވަނީ އަދަދުތައް މިހެން ހުރި ނަމަވެސް ދަރަނި ދައްކައިގެން ހަރަދުތައް ހަމަޖައްސަމުން އިގްތިސޯދު މެނޭޖް ކުރެވޭނެ ކަމަށެވެ.