އެފްއޭއެމުން އަލަށް އުފެއްދި ޒޯން ލީގްތަކުގެ ތެރެއިން ސައުތް ލީގްގެ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.

ދިވެހި ޕްރިމިއާ ލީގް މިއީ އަހަރަކު އެއްފަހަރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އަންނަ މުބާރާތެކެވެ. ކޮންމެ އަހަރަކު މިމުބާރާތުގައި ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ހޮވާލެވޭ 8 ޓީމް ވާދަކުރެއެ

ކުރިން މާލެ ސަރަހައްދު އެކަނި ހިމެނޭ ގޮތަށް ލީގް ސިސްޓަމް ހަމަޖައްސާފައި އޮތް ނަމަވެސް މިހާރު އެ ސިސްޓަމަށް މި ވަނީ ބަދަލު ގެނެސްފައެވެ އެ ގޮތުން އެފްއޭއެމުން ވަނީ ނޯތު، ސެންޓްރަލް އަދި ސައުތު ޒޯން ލީގަށް ހާއްސަ ކޮށްގެން ލީގުގެ އާ ނިޒާމެއް ތައާރަފް ކޮށްފައެވެ.

މިހާރު އޮތް ލީގު ސިސްޓަމް މާލެ ސަރަހައްދަށް އެކަނި އޮތް އިރު، އާ ލީގު ސިސްޓަމްގައި ހަތަރު ޒޯން ލީގު ހިމެނޭއިރު އެއީ ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލޭ ލީގެވެ. އެގޮތުން އެސްޓީއޯ ސްޕޮންސާ ކުރަނީ ސައުތް ލީގަށް ކަމަށާއި އެ ލީގް ގައި ހިމެނޭ އަތޮޅުތަކަކީ ތ. ލ. ގއ، ގދ، ޏ. އަދި ސ އަތޮޅެވެ. މި އަތޮޅުތަކުން ޖުމަލް 19 ރަށު ޓީމެއް ބައިވެރިވާ އިރު ސައުތް ލީގްގައި ޖުމްލަ 74 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ސައުތް ލީގްގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އެ ލީގް ނިންމާލާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 27 ގައެވެ.

ލީގް ސިސްޓަމަށް ގެނައި މި ބަދަލާ ގުޅޭ ގޮތުން އެސްޓީއޯ އިން ބުނީ، މިއީ ދިވެހި ފުޓްބޯޅައަށް އައި ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މިކަމުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.