ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަކޮށް އަތުލައި އަމިއްލަ ކުރި 4 ސަރަހައްދުގެ މަސްރަހު ގޯސްވަމުން ދިޔުމާ ގުޅިގެން ސަރަހައްދީ ސަރުކާރު ސަސްޕެންޑްކޮށް އަސްކަރިއްޔާގެ ދަށަށް ބަދަލު ކޮށް މާޝަލް ލޯ ހިންގަން ފަށައިފިއެވެ.

ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ގެ އަމުރަށް އަސްކަރިއްޔާއިން ސަރުކާރުގެ ބާރުތައް ނަގާ، މާޝަލް ލޯ ހިންގާފައި މިވަނީ، ރަޝިއާއިން އަމިއްލަ ކުރި ތަންތަުގެ ތެރެއިން ހާސަން އާ ދިމާއިން ޔޫކްރައިންގެ ފައުޖުތައް ވަދެ ކުރިއަރަމުން އައުމާ ގުޅިގެން، އެ ޝަހަރުގައި ދިރިއުޅޭ ރަޝިއާގެ އެތައްހާސް ބަޔަކު އެތަން ދޫކޮށް ފައިބަން ފެށުމާ ގުޅިގެންނެވެ.

ހާސަން އަށް ރަޝިއާއިން ކަނޑައަޅާފައި ތިބޭ ހުރިހާ މަންދޫބުންނާއި މިނިސްޓަރުންވެސް މިހާރު ވަނީ ޑިނީޕާ ކޯރު ހުރަސްކޮށް ފައިބާފައެވެ. އަދި އެ ޝަހަރުން 60،000 އެއްހާ މީހުން ފައިބައިގެން ދާނެކަމަށް ހަބަރުތަައް ބުނެއެވެ.

ހާސަންއިން މިހާ ގިނަ އަދަދެއްގެ ބަޔަކު ފައިބައިގެން ދަނީ މާޝަލް ލޯ އާއެކު ރަޝިއާއިން އެމީހުން އެ ސަރަހައްދުން ބާލާތީ ކަމަށާއި، އެހެން ނުހެދުމަށް ޔޫކްރައިން އިން ވަނީ ހާސަންގެ ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ޔޫކްރައިންގެ ހާސަން ސަރުކާރުން ބުނީ، ރަޝިއާއިން އެކަން ކުރަނީ، އެ ސަރަހައްދުން ބަލާ މީހުން، ހަނގުރާމައިގެ އައްޑަނައިގެ ގޮތުގައި ބޭނުން ކުރުމަށާާއި އެއީ ބޮޑު ޖަރީމާއެއް ކަމަށެވެ.

ޕުޓިން ސޮއި ކުރައްވާ ނެރުއްވި މާޝަލް ލޯ އަމުރާ އެކު، އެ 4 ސަރަހައްދުގައި އަސްކަރީ ގާނޫނުތައް ހިންގަން ފަށާފައި ވާ އިރު، ޗެކްޕޮއިންޓް ތަކާއި މުހިންމު އުމްރާނީ ވަސީލާތްތައް ރައްކާތެރި ކުރުމަށް މިހާރު ވަނީ ފިޔަވަޅުތައް އަޅާފައެވެ.

ހާސަން ދޫކޮށް ދާން ބޭނުންވާ މީހުން ޑިނީޕާ ކޯރު ކައިރީގައި ސަފުހަދާފައި ތިބި އިރު، އެ ޝަހަރުން ނުފައިބާން ތިބި ބައެއް މީހުން ބުނެފައި ވަނީ، ހާސަން މިނިވަން ވާންދެން ދެމި ތިބޭނެ ކަމަށާއި، ބިރެއް ގަންނަ މީހަކު އަދި ޖެހިލުމެއް ވާ މީހަކު މިހާރަކު ނެތް ކަމަށެވެ.

ރަޝިއާއިން ހާސަން އަށް ކަނޑައަލާފައި ހުންނަ މަންދޫބު ކިރިލް ޓްރެމެސޯވް ވަނީ، ރައްޔިތުން ސަލާމަތް ހޯދާ އަވަހަށް ފޭބުމަށާއި، ޔޫކަރައިން ސިފައިން ކުރިއަރައިގެން އައިސް ހަމަލާ ދޭނީ ކޮންވަގުތަކުކަން މިހާރު ނޭނގޭ ކަމަށެވެ.

މިއާއެކު ރަޝިއާގެ އަސްކަރިއްޔާގެ އާ ކޮމާންޑަރު ގެނެރަލް ސާޖީ ސްރޮވިކިން ވިދާޅުވެފައި ވަނީ ރަޝިއާއިން ހިފި ސަރަހައްދުތަކުގައި ދަތި އުނދަގޫތައް އެބަހުރި ކަމަށާއި، ނަމަވެސް އެ އުނދަގޫތައް އެންމެ ބޮޑީ މިވަގުތު ހާސަންގައި ކަމަށެވެ.

މިދިޔަ 2 ދުވަސް ތެރޭގައި ހާސަން އިން 5000 މީހަކު ފައިބާފައި ވާ އިރު، މިހާރު ހާސަން ގައި ތިބީ ގާތްގަނޑަކަށް 100،000 އެއްހާ މީހުން ކަމަށް ހަބަރުލިބެއެވެ. ރަޝިއާއިން ހާސަން ހިފި އިރު އެއީ 320،000 މީހުންގެ އާބާދީއެއް ދިރިއުޅުނު ޝަހަރެކެވެ.