ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހިގޭގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަމަކަށް ވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އަައުޓް ހަރަކާތުގެ ތެރެއިން ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އޭޕްރީލް މަހު ނަގާފައިވާއިރު އެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ހައިކޯޓުން ނިންމާ ހައިކޯޓުން ވަނީ ބާތިލުކޮށްފިއެވެ.

މި މައްސަލާގައި ޔާމީން ކުރެއްވި ދައުވާގައި ބުނެފައި ވަނީ ބެނާ އަތުލުމުން އެމަނިކުފާނަށް ގާނޫނު އަސާސީގެ 21 ވަނަ މާއްދާއިން ލިބޭ އަމިއްލަ މިނިވަންކަމުގެ ހައްގު ގެއްލުނު ކަމަށާއި ފުލުހުން އެ ބެނާ އަތުލީ ގާނޫނުލް އުގޫބާތާއި ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށެވެ.

ސިވިލް ކޯޓުން ބުނެފައިވަނީ ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދައުވާއަށް ހައިކޯޓުން ބަހުސްކޮށް ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ސިވިލް ކޯޓުން ބުނީ އެ މައްސަލައިގައި ޔާމީންއަށް ލިބިވަޑައިގެންނެވި މަދަނީ ގެއްލުމުގެ ވާހަކައެއް ހިމަނާފައިނުވާ ކަމަށާއި މަދަނީ ބަދަލެއް ވެސް ނަގައިދިނުމަށް އެދިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ދިވެހި ފުުލުހުންގެ ހިދުމަތުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ ކުރިއަށްގެންދެވިދާނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި ވަނީ މައްސަލަ ނިންމާފައެވެ.