ދަނޑުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ދަނޑުވެރިން އުފައްދާ ތަކެއްޗަށް އެކަށީގެންވާ އަގު ނުލިބުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، 2022ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދަނޑުވެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ޒަމާނުއްސުރެ އޮތް އެންމެބޮޑު ހުރަހަކީ، ދަނޑުވެރިން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ނުވިއްކޭ މައްސަލަ ކަމަށެވެ.

ދަނޑުވެރިކަމުން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، މިމައްސަލަ ހައްލުކުރުމަށް 2020ވަނަ އަހަރު ސަރުކާރުން ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އެގްރޯނެޓް އުފައްދާފައިވާ ކަމަށެވެ.

މިކުންފުނިން ރާއްޖޭގެ ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ހަދައި އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ރަށްރަށަކީ ފެންފަށަލަ ލޮނުވެފައިވާ ރަށްރަށަށް ވުމުން އެފަދަ ރަށްރަށުގައި ދަނޑުވެރިކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދަނޑުވެރިންގެ އެންމެބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ، ސަރުކާރުން ދަނޑުވެރިކަމަށް ދޫކުރާ ލުއި ލޯނުގެ މިންވަރު ކުޑަވުން ކަމަށެވެ. އަނެއް ކަންބޮޑުވުމަކީ، އަމިއްލަ ފަރުދުންނާއި ކުންފުނިތަކާމެދު ހުރި ފަރަގުގެ ސަބަބުން، ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތައްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ ޝަކުވާތައް ސަރުކާރުން އަޑު އަހައި، އެކަމަށް މިހާރު ވާނީ އެދެވޭ ހައްލެއް ހޯއްދަވައިދެއްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު އަމިއްލަ ފަރުދުންނަށް ވެސް 2 މިލިޔަން ރުފިޔާއާ ހަމަޔަށް ލޯނު ހޯދުމުގެ ފުރުޞަތު އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.