މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ އިފްތިތާހްކޮށް، ގިނަ މީޑިއާއިން ސޮއިކޮށްފިއެވެ.
އެމްއެމްސީން ބުނީ މިއަދު ބޭއްވި ރަސްމިއްޔާތުގައި 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ބައިވެރިވެފައިވާ ކަމަށެވެ. މިއީ ދިވެހި މީޑިއާއިން އަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން، އެކުލަވައިލާފައިވާ "ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" ކަމަށް އެމްއެމްސީން ބުނެއެވެ.
އެމްއެމްސީން ބުނީ، ދިވެހި މީޑިއާ ކޮންމެ މީހަކީ މި އަހުލާގީ މިންގަނޑަށް ތަބާވާ އަދި މި އަހުލާގީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެ ކަމަށެވެ. އަދި ހަބަރާއި މައުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް އަމަލު ކުރުމަށް އެއްބަސް މިންގަޑެއް ކަމަށް އެމްއެމްސީން ބުނެއެވެ.
އެމްއެމްސީން ބުނީ، ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާއި އޮންލައިން އަދި ނިއުމީޑިއާގެ ވަސީލަތްތަކުގައި މައުލޫމާތު ފަތުރާނީ މި މިންގަނޑާ އެއްގޮތަށް ކަމަށެވެ.
ދިވެހި މީޑިއާ ފަންނުގެ އެންމެހާ މަސައްކަތެއްގައި އަބަދުމެ ހިފަހައްޓާނެ މައިގަނޑު ހަމަތަށް ކަމަށް "ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" ގައި ބަޔާންކޮށްފައިވަނީ:
- އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ގަނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
- އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން.
- އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާއީ އަހްލާގީ ހިފެހެއްޓުން.
- ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން.
- ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން، މިއެވެ.
މިއަދު މި ސޮއިކުރި "ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު" އާއި އެއްގޮތްވާ ގޮތުގެ މަތިން، ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކޮންމެ މީޑިއާއަކުން އެމީޑިއާއެއްގެ ކޯޑް އޮފް ޕްރެކްޓިސްއެއް އެކުލަވާލުމަކީ މުހިއްމު ކަމެއް ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.
އެމްއެމްސީން ވަނީހުރިހާ މީޑިއާތަކުން "ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތިން ހަބަރު ފެތުރުމަށް އެދިފައެވެ.