ބިމު އަޑިން 300 މީޓަރުގައި އޮތް މައިނެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން 40 މީހަކު މަރުވެ އެތައް ބަޔަކު ތާށީވެއްޖެ ކަމަށް ހަބަރުލިބިއްޖެއެވެ.
ތުރުކީގެ އުތުރު ސަރަހައްދެއްގައި އޮތް މި މައިންގައި އެއްޗެއް ގޮވި އިރު 110 މީހަކު މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެ ހާދިސާ ހިނގުމާއެކު އެ ވަގުތު 50 އެއްހާ މީހުން ސަލާމަތް ކުރެވުނު ނަމަވެސް އިތުރު ބަޔަކު ތާށިވެފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މައިންގައި އެއްޗެއް ގޮވި ހާދިސާއިން ސަލާމަތްވެގެން ބޭރަށް ނުކުތް މީހުންގެ ތެރެއިން އެކަކު ބުނީ، ލަފާ ކުރެވޭގޮތުން 15 ވަރަކަށް މީހުން ތާށިވެފައި ތިބި ކަމަށެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މީހުން ތާށިވެފައި ތިބި ހިސާބަށް ވާސިލު ވުމަށް އެކި ދިމަދިމާއިން ތޮރުފުމުގެ މަސައްކަތް ކުރާ އިރު، އެ ގޮވުމެއް ހިނގާފައި ވަނީ މައިނުގެ އެންމެ ފުނުން، 300 މީޓަރާއި 350 މީޓަރާ ހިސާބުގައި ކަމަށާއި އެ ފުންމިނުގައި އެވަގުތު 49 މީހަކު މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
މިހާދިސާގައި މައިންގައި ގޮވުމުގެ ހާދިސާއެއް ހިނގީ މެތޭން ގޭސް ބޭނުންކޮށްގެން މައިން ގޮއްވުމަށް ބޭނުންކުރާ ގޮވާއެއްޗެއްގެ ސަބަބުން ކަމަށް ބެލެވުނަސް ސީދާ ސަބަބު އަދި ސާފެއް ނުވެއެވެ.
މިހާދިސާއާއެކު މައިންއަށް ވަދެ ނުކުވޭ މަގުން ބައެއް ތަންތަންގަނޑު ވެއްޓި އަޑީގައި ތިބި މީހުން ތާށިވެފައި ވާއިރު، ބައެއް ދިމަދިމާއިން އަލިފާނުގެ އަސަރު ފެންނަ ކަމަށްވެސް އޮފިޝަލުން ބުނެެއެވެ. ނަމަވެސް މައިން އިން ވައި ބޭރުކުރުމަށް ހުންނަ ހުރިހާ ވެއްޓިލޭޓަރެއް ބަރާބަރަށް މަސައްކަތް ކުރާ ކަމަށްވެސް ބުނެއެވެ.