މީގެ ދެ މަހެއްހާ ދުވަސް ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު 21 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ޝިއާއުގެ މަރުގެ ފަހަތުގައިވާ އަސްލު ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތގެ ތެރޭ އެ މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.

ޝިއާއުގެ މަރާ ގުޅިގެން، އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 22 އަހަރުގެ އަލީ ޝާހިލެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ވަނީ ބަންދުކޮށްފައެވެ.

އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް މުހައްމަދު ބަޝީރު ވިދާޅުވީ، ޝިއާއު މަރާލި މައްސަލައިގައި 45 އަށް ވުރެ ގިނަ މީހުންނާ ސުވާލުކުރެވި، މައްސަލައާ ގުޅުންހުރި ގިނަ ތަންތަނުން ސީސީޓީވީ ފުޓޭޖު ނަގާފައިވާ ކަމަށާއި، ފޮރެންސިކް ތަހުލީލަށް ބޭނުންވާ ތަކެތި އެނަލައިޒްކުރުމުގެ މަސައްކަތް ވެސް މިވަގުތު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ބަޝީރު ވިދާޅުވި ގޮތުގައި:

  • ޝާހިލްގެ ފޯނު ގެނެވި ހުޅުވައި އޭގެން މައުލޫމާތު ނެގުމުގެ މަސައްކަތް ކުރިއަށް އެބަދޭ
  • އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހާ އެކު ގާތުން މަސައްކަތްކުރެވެމުން އެބަދޭ
  • އެގޮތުން އެ އޮފީހުގެ ލަފާގެ މަތިން މަސައްކަތްކޮށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޝިއާއުގެ މައްސަލަ ފޮނުވާލެވޭނެ ކަމަށް ލަފާކުރެވޭ

އަދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާތަކަށް ބަލާލާއިރު، ޝިއާއު މަރާލި ފަހުން ވެސް އޭނާގެ ހަށިގަނޑަށް އަނިޔާ ދިންކަން ރިޕޯޓުތަކުން ހާމަވާ ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.

ޝިއާއު އަށް އަނިޔާ ދިނީ ގަސްތުގައި، ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި

ޝިއާއުގެ މައްސަލަ ތަހްގީގުކުރެއްވި ޗީފް އިންވެސްޓިގޭޓަރު، އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުތަކުން އެނގެން އެބައޮތް ކަމަށެވެ.

"އަދި އެ އަނިޔާތަކުގެ ސަބަބުންކަން ޝިޔާއު މަރަށް ހުށަހެޅިގެން ދިޔަކަން ވެސް އެބަ ދަލީލުކޮށްދޭ. އެގޮތުން ގިނަ ހަމަލާތަކެއް ދީފަ ހުރިކަން ވެސް ވަގުތީ ނަތީޖާ އިން އެނގެން އެބައޮތް." ސާމިހު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭގޮތުން މައުލޫމާތި ދެއްވަމުން، ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ، މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައި އެބަހުރި ކަމަށެވެ. ނަމަވެސް ޝިއާއުގެ މަރުގެ ފަހަތުގައިވާ ސަބަބު އެނގުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ކުށް ސާބިތުކުރުމުގެ އިތުރުން އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންނަށް ކްލިއާލީ އެނގެން މީގެ (ޝިއާއުގެ މަރުގެ ފަހަތުގައިވާ) މޯޓިވް އަކީ ކޮބައިކަން." ސައީދު ވިދާޅުވިއެވެ.

އެ މައްސަލައިގައި ޝާހިލް ފިޔަވައި އިތުރު އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ސާފު ކަމަށް ވެސް، ސައީދު ވިދާޅުވިއެވެ.