ތުރުކީގެ ޕާލިމަންޓަށް މިހާރު ހުށަހަޅާ ބަހުސް ކުރަމުންދާ، ޕްރޮޕެގެންޑާ ފަތުރާ ފަރާތްތަކަށް ވިޔަވަޅު އަޅާ ބިލާ ހެދި، އެމްޕީއަކު އޭނާގެ ފޯނު ހަލާކުކޮށްލައިފިއެވެ.

ތުރުކީގެ އިދިކޮޅު ޕާޓީ، ރިޕަބްލިކަން ޕީޕީލަސް ޕާޓީގެ އެމްޕީ އަކަށް، އެ ބިލާ މެދު ވާހަކަ ދައްކަން ލިބުމުން، ޕޯޑިއަމްގައި ހުރެ އޭނާގެ ފޯނުގައި މަރުތޭލައަކުން ތަޅާ ފޯން ވަނީ ހަލާކު ކޮށްލައި އެއްލާލައިފައެވެ.

މޯބައިލް ފޯން ހަލާކު ކޮށްލަމުން އެމްޕީ ބުނެފައި ވަނީ، އެ ބިލް ފާސްވެއްޖެނަމަ، ކޮންމެ މީހަކަށްވެސް އޭނާގެ ފޯން ހަލާކު ކޮށްލެވިދާނެ ކަމަށެވެ.

އެއާއެކު، ވެރިކަން ކުރާ ޕާޓީގެ މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަ ކޮށް، "ކޮންމެ މީހަކަށްވެސް މަރުތެޔޮ ހިފައިގެން މަޖިލީހަށް އާދެވިދނެތޯ" އަހާ ސުވާލު ކޮށްފައެވެ.

ތުރުކީގައި އަލަށް ފާސްކުރަން މަސައްކަތް ކުރާ ޑިސްއިންފޮމޭޝަން ބިލް ނުވަތަ ދޮގުމައޫމާތާއި ޕްރޮޕެގެންޑާ ފެތުރުން ހުއްޓުވާ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި، އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ޝާއިއު ކުރާ ސާބިތު ނުހިފޭ ކޮންޓެންޓް ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެއެވެ.

އަދި އެއިން ކޮންމެ މީހަކު 3 އަހަރަށް ޖަލަށްވެސް ލެވޭނެއެވެ.

މި ބިލު އަންނަ އަނގާރަ ދުވަހު ފާސްކުރާނެ ކަމަށް ބެލެވޭ އިރު، ތުރުކީގެ މެއިންސްޓްރީމް މީޑިއާތަކުގެ ސުރުހީތަކާވެސް ސަރުކާރުން ކުޅޭކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ.