ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާލިބޭ އެއްވެސް މީހަކު ހަމަލާދެނިކޮށް ފެނިފައި ނުވާ ކަމަށް ހަތަރު މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ، މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި އުދައްޔުގެ މައްސަލައިގައި 4 މީހަކަށް ވަނީ ދައުވާ ކޮށްފައެވެ. އެއީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ އިތުރުން ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ސިއްރުން ހެކިބަސް ދިނީ އެ ހާދިސާ ހިނގި ސަރަހައްދުގައި އުޅުނު ތިން މީހަކާއި އެރަށު ހޮސްޕިޓަލްގެ މުވައްޒަފެކެވެ.

"އޮންނާނީ ހޭ އަރުވާލަފައޭ" މާޒިން އާއި ޝަމީމް ބުނި!

ފުރަތަމަ ހެކިވެރިޔާ ބުނީ، އޭނާ ގެއަށް ވަންނަން ދަނިކޮށް ފިހާރައެއްގެ ކައިރީގައި މީހުން ގިނަވެގެން އުޅޭތަން ފެނުމުން އެ ސަރަހައްދަށް ދިޔަ ކަމަށާއި "މަރުވެއްޖެއޭ" މީހުން ގޮވާ އަޑު އޭރު އޭނާއަށް އިވުނު ކަމަށެވެ. އޭރު އުދައްޔުއަށް އަނިޔާ ލިބިފައި ވަނިކޮށް ފެނުނު ކަމަށް ވެސް އޭނާ ބުނެއެވެ. އެހެންވެ، އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެ އިރުކޮޅެއް ފަހުން އުދައްޔުގެ ބޭބެ އެތަނަށް އައި ކަމަށް ވެސް އޭނާ ބުނެއެވެ.

އޭރު އެ ސަރަހައްދުގައި މާޒިން އާއި ޝަރަފް ފެނުނު ކަމަށާއި އޭރު އެ ދެމީހުންގެ އަތުގައި ހަތިޔާރެއް އޮތް ކަމަށް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް އެ ދެ މީހުން އެއްވެސް މީހަކަށް ހަމަލާ ދެނިކޮށް ނުފެންނަ ކަމަށް އެ ހެކިވެރިޔާ ބުނެއެވެ. އަދި ދައުވާލިބޭ ޝަމީމް އެތަނުން އެއްވެސް ގޮތަކަށް ނުފެންނަ ކަމަށް ހެކިވެރިޔާ ބުނެއެވެ.

ދެވަނަ ހެކިވެރިޔާގެ ވެސް ބުނީ ދައުވާލިބޭ މާޒިން އާއި ޝަމީމް އެތަނުގައި ހަރަކާތްތެރިވެ، ޒުވާބުކުރި މަންޒަރު ފެނުނެވެ. އަދި "އޮންނާނީ ހޭ އަރުވާލަފާއޭ" އެ ދެ މީހުން ބުނި އަޑުއިވުނު ކަމަށާއި އެކަމަކު އެއްވެސް ހަމަލާއެއް ދެނިކޮށް ނުފެންނަ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އޭނާ ބުނިގޮތުގައި މާޒިން ޒުވާބު ކުރިއިރު އޭނާ އަތުން ހަތިޔާރެއް ފެނުނެވެ. އެކަމަކު ހަމަލާ ދެނިކޮށް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި ޝަމީމް އަތުން ހަތިޔާރެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. ދެވަނަ ހެކިވެރިޔާ ބުނިގޮތުން ނަމަ، ދައުވާލިބޭ ޝަރަފް އެރޭ އެތަނުން ފެނުނު ހަނދާނެއް ނުވެ އެވެ.

އުދައްޔުގެ ބޭބެއަށް އަނިޔާވެގެން ފަރުވާ ދިން!

ތިން ވަނައަށް ހެކިބަސް ދިނީ މާމެންދޫ ހޮސްޕިޓަލްގެ މުވައްޒަފެކެވެ. އޭނާ ބުނިގޮތުގައި އުދައްޔުގެ ބުރަކަށްޓަށް ހަރާލި ވަޅި ހޮސްޕިޓަލަށް ގެނައި އިރު ވެސް ހަރުލާފައި ހުއްޓެވެ. އެ ވަޅި ނައްޓާލީ ފަރުވާ ދިނުމަށްޓަކައި ކަމަށާއި ފަހުން ހޮސްޕިޓަލްގެ ތަޅުންގަނޑު މަތީގައި ވަޅި އޮއްވާ ފުލުހުން އެ ވަޅި ގެންދިޔަ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި އުދައްޔުއަށް ފަރުވާ ދެނިކޮށް އުދައްޔުގެ ބޭބެއަށް އަނިޔާވެގެން ވެސް ގެނައެވެ. އަދި އުދައްޔު އާއި ބޭބެއަށް އެތަނުން ދެވެންހުރި ފަރުވާތައް ދިން ކަމަށް އޭނާ ބުންޏެވެ.

ހަތަރު ވަނަ މީހާއަށް ހެކިބަސް ދިނީ އުދައްޔު ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. ހަމަލާދިން މަންޒަރެއް އަދި ޒުވާބުކުރި މަންޒަރެއް ވެސް އޭނާއަށް ފެނިފައެއް ނުވެއެވެ.

ދައުލަތުން ބުނީ މިހާރު ލިބިފައިވާ ހެކިބަސްތައް ދިރާސާ ކުރުމަށް ފަހު ބާކީ ތިބި ހެކިން ހާޒިރު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ހެކިން ހާޒިރުކުރަން ދައުލަތަށް ލިބުނު ފުރުސަތު މިއަދަށް ވަނީ ހަމަވެފައެވެ. އެހެންވެ، ދިފާއީ ވަކީލުން އެދިވަޑައިގަތީ އިތުރު ފުރުސަތެއް ދައުލަތަށް ނުދެވޭނެ ކަން ނިންމުމަށެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސިއްރު ހެކިން ހާޒިރުކުރުމަކީ ދަތިތަކެއް ހުންނަ ކަމެއް ކަމަށާއި އަދި މި މައްސަލާގެ ހެކިންނަށް ބިރުދައްކާ ކަމުގެ މައުލޫމާތު ކޯޓަށް ލިބެމުންދާ ކަމަށެވެ. އެހެންވެކަމުން ދައުލަތުން ބޭނުންވާނަމަ، ސިއްރު ހެކިން ގެންނަން އިތުރު ފުރުސަތެއް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ވެސް ދައުވާކުރެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.