ށ. ކީކިމިނީގައި ގާއިމްކޮށްފައިވާ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަން ފަށައިފިއެވެ.

އައިލެންޑް އެންޓާ ޕްރައިސަސްއިން ބުނީ، ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އެ ފެސިލިޓީގައި މަސް ކިރުމުގެ މަސައްކަތް އެރަށުގައި މިހާރު ފަށާފައިވާ ކަމަށެވެ.

އެކުންފުނިން ވަނީ މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާމް ވެސް މިހާރު ހަމަޖައްސާފައެވެ.

ކީކިމިނިން މިވަގުތު ގަންނަނީ ހަމައެކަނި ކަޅުބިލަ މަހާއި ކަންނެއްޔެވެ.

މަސް ގަންނަނީ މަހުގެ ބަރުދަން 1.5 ކިލޯ އިން މަތިނަމަ 13 ރުފިޔާއަށް އަދި 1.5 ކިލޯއަށް ވުރެ ދަށްނަމަ 5.5 ރުފިޔާއަށް ކަމަށް އައިލެންޑް އެންޓާ ޕްރައިސަސްއިން ވަނީ ބުނެފައެވެ.

އައިލެންޑް އެންޓަޕްރައިސަސްއިން ހިންގާ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްއަކީ 1900 ޓަނުގެ ކޯލްޑް ސްޓޯރެޖެއް ހުންނަ ފެކްޓަރީއެކެވެ.

ރާއްޖޭ މަސްވެރިން ބާނާ މަސްކޮޅު ނުކުރިގެން މަސްވެރިން އަންނަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. އެގޮތުން އެކަމުގެ ސަބަބުން މަހަށް ނުދެވި އެންދަމަންވެސް ނުދެވި އެތައް ދުވަހަކު ތިބެންޖެހޭ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.