މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހާ ގައުމީ އިދާރާ (މެޓް)އިން ރީނދޫ އެލާޓު ނެރެފިއެވެ.

ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އަދި ގަޑިއިރަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައި ވަނީ ށ އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 09:15 އިން މެންދުރު 01:00ގެ ނިޔަލަށެވެ.

މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފައިވާއިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަގީންކުރުމަށްފަހު ކަނޑުމައްޗަށް އެރުމަށް އިރުޝާދުދޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.