އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 4 މަހުގެ މިކްލަޔް އިންޑިއާ އަށް ގޮސް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ.
މިކްޔަލް އަކީ ލިވާގެ މައްސަލަތަކެއް ހުރުމުން އެކަމަށް ފަރުވާ ހޯދަމުން އައި ތުއްތު ކުއްޖެވެ. މީގެ ކުރިން އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި އޮތް މިކްޔަލް އިންޑިއާއަށް ފުރީ މިދިޔަ ބުރާސްފަތު ދުވަހުއެވެ. އޭނާ މަރުވީ މީގެ ކުޑަ އިރުކޮޅެއްގެ ކުރިން އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
އިންޑިއާއަށް ދިޔަ މިކްޔަލްގެ ފަރުވާ އަށް އޮތީ ލިވާ ޓްރާންސްޕްލާންޓް ކުރުން ކަމަށް އަމްރިތާ ހޮސްޕިޓަލުން ބުނެފައި ވެއެވެ. އެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން އާއިލާއިން ބުނީ، މިކްޔަލްގެ ލިވާ ޓްރާންސްޕްލާންޓް ކުރަން އެދުމުން ލިވާ ދިނުމަށް އެ ކުއްޖާގެ ބައްޕަ ތައްޔާރުވަމުން އައި ކަމަށެވެ. އަދި މިކްޔަލް ވެންޓިލޭޓަރުން ނެގޭނެ ކަމުގެ އުންމީދު އޮތް ކަމަށް ބުނެ އެ ހޮސްޕިޓަލުން އެ ކުއްޖާއަށް ފަރުވާ ދެމުން ދިޔަ ކަމަށެވެ.
ނަމަވެސް މީގެ ކުޑަ އިރުކޮޅެއްގެ ކުރިން އެ ތުއްތު ކުއްޖާގެ ހާޓްބީޓް ކުއްލިއްކަށް ދަށް ވެފައިވާ ކަމަށާއި އަދި އެ ކުއްޖާގެ ހިތް އެއްކޮށް ހުއްޓި މި ދުނިޔެއާ ވަކިވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެ އާއިލާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިން ހުރިހާ ފަރާތްތަކާއި މިކްޔަލްއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކޮށްދިން ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް ރައްދު ކުރާ ކަމަށް އާއިލާއިން ބުނެއެވެ.
ހަތަރު މަހުގެ މިކްޔަލް އުފަންވީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ކުއްޖާ ގެއެށް ދޫކޮށްލި ފަހުން މާ ބޮޑަށް ހަށިގަނޑާއި ދެ ލޯ ރީނދޫވެފައި ވާކަން ފާހަގަ ވެ ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓުތަކުން އެ ކުއްޖާގެ ލިވާގެ މައްސަލައެއް ހުރި ކަން ވަނީ އެނގިފައެވެ. މިކްޔަލް ވަނީ މިދިޔަ ޖުލައި މަހު ވެސް އިންޑިއާއަށް ބޭސް ފަރުވާ އަށް ގޮސްފައެވެ. އެ ފަހަރު ވަނީ "ކަސާއީ ޕޯޓޮއެންޓެރަސްޓޮމީ" ކިޔާ ސާޖަރީއެއް ވެސް ހަދާފައެވެ.
އެ ސާޖަރީއަށް ފަހު އިންޑިއާގައި އެއްމަސް ދުވަސް މަޑުކުރުމަށް ފަހު ރާއްޖެ އައިތާ މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް ކުއްޖާގެ ހާލަތު ގޯސްވެ ޑޮކްޓަރަށް ދެއްކިއެވެ.