އިންސާނަކު ގުރުބާން ކުރަން ޖެހޭ ބޮޑު ސިހުރަކަށް އިންޑިއާގައި 2 އަންހެނަކު މަރާ ވަޅުލައިފިއެވެ. އިންޑިއާގެ ކެރަލާގައި ހިނގި މި ހާދިސާ އާ ގުޅިގެން 3 މީހަކު ހައްޔަރު ކޮށްފައި ވާ އިރު އެގެތެރޭގައި ހިމެނެނީ އަންހެނަކާއި 2 ފިރިހެނުންނެވެ.
ކޮއްޗީ ސިޓީގެ ޕޮލިސް ކޮމިޝަނަރު ޗީއޭހް ނާގަރާޖާ ހަވާލާދީ އޭއެންއައި ނިއުސް އެޖޭންސީން ބުނީ، މި 3 މީހުން އެ 2 އަންހެނުން ގެންދިޔައީ ހަދިޔާ ދޭނެ ކަމަށް ބުނެ ހައްލާލައިގެންނެވެ.
މި 3 މީހުން މި ގަތުލު ހިންގާފައި ވަނީ ހުސްވި ޖޫން މަހުގެ 6 ވަނަ ދުވަހާއި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށާއި، މި މައްސަލައިގައި މަރުވި 2 އަންހެނުން ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ އޭގެ ފަހުން ކަމަށް ބުނެއެވެ.
މި 3 މީހުން މިހާރު ވަނީ 2 ހަފްތާއަށް ބަންދު ކޮށްފައެވެ.
ފުލުހުން ހާމަ ކުރާ ގޮތުގައި، މި 3 މީހުންގެ ތެރެއިން އެކަކު އެ 2 އަންހެނުން ހައްލާލައިގެން ގެންދިޔައީ އެމީހުން ދިރިއުޅޭ ކެރަލާގެ ޕަތަނަމްތިއްޓާ އަވަށުގައި ހުންނަ އެމީހުންގެ ގެއަށެވެ. އަދި އެތަނުގައި އެ ކުރިކަމެއް ކުރުމަށް ފަހު ރަހުމް ކުޑަ ގޮތަކަށް އެ 2 މީހުން މަރާފައި ވަޅުލީ ކަމަށާއި ވަޅުލާފައި އޮތީވެސް އެ ގޭގެ ގޯތިތެރޭގައި ކަމަށެވެ.
އަދި އެތަނަކީ އެމީހުން ސިހުރު ހަދާން ތިބެ ތަން ކަމަށާއި އެ ސިހުރެއް ހެދީ ކުއްލި މުއްސަނދިކަމެއް ހޯދަން ނުވަތަ ފައިސާ ހޯދަން ކަމަށްވެސް ބުނެއެވެ.
އަދި މި ސިހުރު ހެދުމުގައި އުޅުނު 3 މީހުން މަދަދު ހޯދާފައި ވަނީ ވައްކަމާއި، ރޭޕް ކުރުމާއި، މަކަރާއި ހީލަތް ހަދާ، ދޭތެރެ ދޭތެރެއިން އުޅޭ ގެ ބަދަލުކޮށް ފުލުހުންނަށް ފިލައިގެން އުޅޭ ކުޑަ ފާދިރީއެއްގެ ފަރާތުން ކަމަށާއި، އެމީހުން އެކަން ކުރަން އޭނާ 1.5 ކައްލަ ރުޕީސް ދިން ކަމަށްވެސް ހަބަރުތައް ބުނެއެވެ. އަދި ޖޫން 6 ވަނަ ދުވަހު މަރާލި އަންހެން މީހާގެ މަރަށް ފަހު މުއްސަނދިކަން ނުލިބުމުން، އަނެއްކާ އެ ފާދިރީ އާ ބައްދަލު ކުރި ކަމަށާއި، 2 ވަނަ މީހަކު މަރާ ވަޅުލީ، އެ ފަހަރު މުއްސަނދި ވާނެކަމަށް ފާދިރީ ބުނެގެންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާގެ އެކި ޝަހަރުތަކުގައި، ވޭތުޔެ ދިޔަ 14 އަހަރު 2000 އެއްހާ މީހުން، ސިހުރުހާހުރަ އަށް މަރާފައި ވެއެވެ.