މެންބަރުން އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އިސްލާހުކޮށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ 22 ގައެވެ. ނަމަވެސް ތިން ދުވަސް ފަހުން އެ އިއުލާނު ބާތިލްކޮށް އުސޫލު ބަދަލުކުރުމަށް ފަހު ހޯމް މިނިސްޓްރީން ވަނީ އަލުން ގެޒެޓުކޮށްފައެވެ.

އެ އާ އުސޫލުގައިވާ ގޮތުން ގަވައިދުން ނުނެރޭ ނޫސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް (ޕީއެސްއެމް ފިޔަވައި) އިންތިހާބުގައި ވޯޓެއް ނުވެވޭނެއެވެ.

މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްގެ މެންބަރުންގެ ތެރެއިން 13 މެންބަރެއްގެ ދައުރު އަންނަ ޑިސެމްބަރުގެ 14 އަށް ހަމަވާތީވެ، ހޯމް މިނިސްޓްރީން ވަނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލައިފައެވެ.

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔުންތައް މި މަހުގެ 23 ގެ މެންދުރުފަހު 2 ގެ ކުރިން ހޯމް މިނިސްޓްރީ އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހޯމް މިނިސްޓްރީން އޮގަސްޓް މަހު ކުރި އިއުލާނު ބާތިލުކުރީ، އެމްއެމްސީއަށް މެންބަރުން އިންތިހާބު ކުރާ ގޮތާ މެދު އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައި ވަނިކޮށެވެ

އެގޮތުން ކައުންސިލަށް މެންބަރުން އިންތިހާބުކުރާއިރު، ގަވައިދުން ނުނެރޭ ނޫސްތަކަށް ވޯޓު ދިނުމުގެ ހައްގު މިނިސްޓްރީން އޭރު ދޭތީ ގަވައިދުން ނެރޭ ނޫސް މަޖައްލާތަކުގެ ޕްރޮކްސީ ހޯދައިގެން ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކޮންޓްރޯލް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންވެ، ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، އައިއެފްޖޭ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.