ދުނިޔޭގެ ގާނޫނުތަކަށް ގޮން ޖަހާ، ގަދަބާރުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީ އާބާދީއަކަށް ހަމަލާދީ އިޒްރޭލުގެ ސިފައިންގެ މީހަކު މަރާލައިފިއެވެ.
މި ހަމަލާ ދީފައި މި ވަނީ މީގެ ދުވަސްކޮޅެއްގެ ކުރިން މިބާވަތުގެ ހަމަލާއެއް ދިނުމުން، ހަމަލާ ދިން މީހުން ހޯދަން އިޒްރޭލު ސިފައިން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުން ދަނިކޮށެވެ.
އިޒްރޭލުން ހިފާފައިވާ ޕަލަސްޓީނުގެ ހުޅަނގު އައްސޭރީގައި މި ހަމަލާ ދީފައިވަނީ "ލަޔަންސް ޑެން" ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ. ހަބަރުތައް ބުނާ ގޮތުން އެމީހުން މިހަމަލާ ދިނީ ވެހިކަލެއްގައި އެ ސަރަހައްދަށް ވަދެ ބަޑިޖަހައިގެންނެވެ.
މިހަމަލާގެ ޒިންމާ ލަޔަންސް ޑެން އިން އުފުލާފައި ވާ އިރު މިއީ ޕަލަސްތީނުގެ ޖިހާދު ޖަމާއަތްތަކުން ވަކިވެ ބަޔަކު ގުޅިގެން ދާދިފަހުން އުފަންކުރި ޖަމާއަތެކެވެ.
ޕަލަސްތީނުގެ ނާބްލުސް އާއި ޖެނީން އާ ދެމެދުގައި އޮންނަ މި ސަރަހައްދަކީ އިޒްރޭލުގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާ ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ.
މިހާދިސާ އާ ގުޅިގެން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޒް ވިދާޅުވީ، ހަމަލާދިން މީހުނާއި އެހީތެރިވި މީހުން ހޯދާނެ ކަމަށެވެ.
މީގެ 3 ދުވަސް ކުރިން ލަޔަންސް ޑެން އިން ދިން މިފަދަ ހަމަލާއެއްގައި އުމުރުން 18 އަހަރުގެ ސިފައިންގެ މީހަކު މަރުވި އިރު މިއަދުގެ ހަމަލާގައި މަރުވެފައި ވަނީ 21 އަހަރުގެ ސިފައިންގެ މީހެކެވެ.
ދޭތެރެ ދޭތެރެއިން ޕަލަސްތީނާއި އިޒްރޭލުން ހަމަލާތައް ބަދަލު ކުރާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޕަލަސްތީނުގެ 80 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޖިހާދު ކުރާ މީހުންނާއި، އާންމުންނާއި 20 ކުޑަކުދިން ހިމެނެއެވެ.
އިޒްރޭލުން ހުޅަނގު އައްސޭރިއާއި، ގައްޒާގެ އިތުރުން އިރުމަތީ ޖަރޫސަލަމް ހިފާފައި ވަނީ 1967 ގައި ކުރި މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައެވެ. އެއިރުންސުރެ ފެށިގެން ޕަލަސްތީނުގެ ބިންތަކަށް ވެރިވެ، އާބާދީތައް ހަދައި ޔަހޫދީން ވަޒަންވެރިކުރުވަމުން ގެންދެއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުން އިޒްރޭލުގެ އެ އަމަލު ކުށްވެރި ކޮށްފައި އޮތް ނަމަވެސް ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓާލާފައެއްވެސް ނުވެއެވެ. އަދި އދ ގައި އެކަމާ ދޭތެރޭ ދޭތެރެއިން ބަހުސް ކުރި ނަމަވެސް އެމެރިކާފަދަ ބާރުތަކުން ވީޓޯ ކޮށް، އިޒްރޭލު ކުށްވެރިކުރިއަކަވެސް ނުދެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ޔަހޫދީން ހިފާފައިވާ ބިންތަކުގައި 250 ގެއެއްގައި 600،000 އަށް ވުރެ ޔަހޫދީ އާބާދީއެއް މިހާރު ދިރިއުޅެއެވެ.