މިދިޔަ އޮގަސްޓް މަހު ކުޑަކުދިންގެ 100 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައިވާއިރު ގިނައީ އިހުމާލާއި ހާނިކާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ޖުމްލަ 248 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ 100 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

އޮގަސްޓްމަހު އިހުމާލުވުމުގެ 33 މައްސަލަ ހުށަހަޅާފައިވާއިރު ޖިންސީ ހާނިކައިގެ 24 މައްސަލަ އަދި ޖިސްމާނީ ހާނިކައިގެ 15 މައްސަލައެއް ވެސް ހިމެނެއެވެ. އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 6 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައަކާއި ބްލެކްމެއިލް ކުރުމުގެ 2 މައްސަލައަކާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލައެއް އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލައެއް އޮގަސްޓް މަހު ހުށަހެޅި ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ޖެންޑާ މިނިސްޓްރީއިްނ ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ އޮގަސްޓް މަހު އެކަނިވެސް ހުށަހަޅާފައިވާއިރު ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލައެއް ވެސް ހިމެނޭ ކަމަށެވެ.

ކުދިން ބެލުމުގައި ޖެހޭ 15 މައްސަލައަކާއި ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 13 މައްސަލައެއް އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލައެއް މިނިސްޓްރީއަށް ހުށައަޅާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

މިނިސްޓްރީއިން ބުނީ އޮގަސްޓުމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 188 ކަމަށާއި އޮގަސްޓު މަހުގައި 6 ކުއްޖެއް ރީއިންޓަގްރޭޓް ކުރެވި 1 ކުއްޖަކު ފޯސްޓާކުރެވިފައިވާ ކަމަށެވެ.