އެއްޖިންސުން ގުޅުން ހިންގުން ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހުގައި އެ އިސްލާހަށް ވޯޓަށް އެހުމުން، އެ އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. އެ އިސްލާހާ ދެކޮޅަށް 25 މެންބަރުން ވޯޓު ދެއްވިއެވެ.

އެ އިސްލާހުގައި ގާސިމް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކުށެއް ކަމަށް ދެކި، އެކަން ކުރާ މީހުން މުޖުތަމައަށް ދޫވެގެން ތިބޭ ނަމަ، އެ މީހުން އެހެން ބަޔަކާ އެކު އެ އަމަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • އެއްޖިންސުން ގުޅުން ހިންގާ މީހުންގެ އުނދަގޫ ފޯރުމުގެ ކުރިން އެ މީހުން މުޖުތަމައުން އެކަހެރިކުރަން ޖެހޭ
  • މުޖުތަމައުގެ ފޭރާން ވީދާލުމަށް އެ އަމަލު ކުރާ މީހުން ދޫކޮށްލައިގެން ނުވާނެ
  • މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ވެރިން މިކަމާ މެދު ފުންކޮށް ވިސްނަން ޖެހޭ

އެއާއެކު ގާސިމް ވަނީ، އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑު ކަމެއް ނޫން ކަމަށް ދޭހަވާ އިބާރާތްތަކުން ސިޔާސީ ބައެއް ފަރާތްތަކާއި އާންމުން ވާހަކަ ދައްކަމުން ދާތީ އާއި، ދެ މީހަކު އެކަހެރިވެ ރުހުމުގައި ޒިނޭ ފަދަ ފާހިޝް އަމަލުތަށް ކޮށް އެއްޖިންސުން ގުޅުން ހިންގުމަކީ ކުޑަ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކޭތީވެ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން، އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުމަކީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. ފަސްވަނަ ދަރަޖައިގެ ކުށެއް ކުރި ކަމަށް ސާބިތުވާ ނަމަ ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އެ މީހަކު ޖަލަށް ލައި ބަންދުކުރާނެއެވެ. ނަމަވެސް ގާނޫނުލްއުގޫބާތަށް ވުރެ ފަހުން ވުޖޫދުވެފައިވާ ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން، ރުހުމުގައި އެއްޖިންސުން ގުޅުން ހިންގައިފި ނަމަ ދެ މީހުން ފަސް އަހަރާއި ހަތް އަހަރާ ދެމެދަށް ޖަލުގައި ބަންދު ކުރާނެއެވެ. ނަމަވެސް، އެކެއްގެ ނުރުހުމުގައި އެ އަމަލު ހިންގައިފި ނަމަ، އެ މީހަކު ހަތް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.

ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގައި، އެ އަމަލު ކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގައި ފުލުހުން ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 25 އަހަރުގެ އެމްޑީ އަލަމްގިރި ހައްޔަރުކޮށްފައެވެ. އަދި އޭނާ އާ އެއްކޮށް ގުޅުން ހިންގި ކަމަށް އެއްބަސްވި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރު ތިން މަސްދުވަހަށް ގޭ ބަންދުކުރި އިރު ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު ދަނީ އެއް އަހަރާއި ދެ މަހަށް ޖަލަށް ލައިފައެވެ.