ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމައްޖައްލާ ތަކުގެ ތެރެއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ހަމަޖެހިފައިވާ އުސޫލުން ނެރެމުން ނުދާ ނޫސް މަޖައްލާތަކަަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓު ނުލެވޭ ގޮތަށް އިސްލާހެއް ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އާނމު ކުރި އުސޫލުގައި ވަނީ މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ 13 ވަނަ މާއްދާގެ ބައެއް އަކުރުތަކަށް އިސްލާހު ގެނެސް އަދި އަކުރެއް އިތުރު ކޮށް މިއަދު ވަނީ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެ އުސޫލުގެ 13 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް ގެނައި އިސްލާހުގައި ވަނީ އެމްއެމްސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ނުކުރެވޭނެ ފަރާތްތައް ހިމަނާފައެވެ.

އެގޮތުން ގާނޫނު ނަންބަރު 2015/9 (ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން ހިންގާ މީޑިއާތައް ފިޔަވައި، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުން އެ ލިސްޓުގައި ހިމެނެއެވެ. ހަމައެއާއެކު އެމްއެމްސީ އިންތިހާބަށް އިއުލާން ކުރާ ތާރީހުގެ ކުރިއަށް މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހަމަޖެހިފައިވާ އުސޫލުން ނެރެމުން ނުދާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުން ހިމެނެއެވެ. އަދި އެމްއެމްސީ އިންތިހާބަށް އިއުލާން ކުރާ ތާރީހާއި އެ ތާރީހުގެ ކުރިއަށް ހަ މަސް ދުވަހާ ދެމެދުގެ މުއްދަތުގައި ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުން ވެސް އެ ލިސްޓުގައި ހިމެނެއެވެ.

ހަމައެއާއެކު އެމްއެމްސީއަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލު ކުރާނެ އުސޫލުގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ މީޑިއާ ކައުންސިލުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ، މަދުވެގެން 25 ދުވަސް ކުރިން އިންތިހާބުގައި ވޯޓުލާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީން އިއުލާން ކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން އެމްއެމްސީއަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލު ކުރާނެ އުސޫލުގެ 13 ވަނަ މާއްދާގެ (ޅ) އަށް ވެސް ވަނީ އިސްލާހެއް ގެނެސްފައެވެ. އެއީ އެ އިންތިހާބުގެ ވޯޓުލުމަށް ރަޖިސްޓަރީ ކުރާ ފަރާތް ހިމެނޭ ވަގުތީ ލިސްޓު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 18 ދުވަހުގެ ކުރިން އިއުލާނުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރުގެ މުއްދަތެއް ލިބޭ ގޮތަށް ގެނައި އިސްލާހެވެ. އަދިހުށަހަޅާ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 15 ދުވަސް ކުރިން، އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓު އިއުލާން ކުރަން ޖެހޭނެއެވެ.

އެގޮތުން މި އުސޫލަށް މިއަދުން ފެށީގެން އަމަލު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.