އާރތީއެލް އިން ދޭ ފެރީ ހިދުމަތް ހޯދާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ހަދާ ފެރީ ސްޓޯޕްތަކުގެ ތެރެއިން ހއ. ތަކަންދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ހއ. ތަކަންދޫ ފެރީ ހަޓްއަކީ އާރްޓީއެލް ފެރީ ނިޒާމްގެ ދަށުން ޒޯން 1 ގައި ގާއިމު ކުރި ފެރީ ސްޓޮޕެއް ކަމަށެވެ. ތަކަންދޫ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި، ކިއޮސްކަކާއި، ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ގާއިމްކޮށްފައި ކަމަށް އެމްޓީސީސީން ބުނެއެވެ.
އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނެޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯނާއި ހަ ސަރަހައްދު ގުޅުވައިދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.
އެގޮތުން ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅުވައިލެވޭ އިރު، އެއް ސަރަހައްދާއި އަނެއް ސަރަހައްދާވެސް ގުޅިގެން ދާނެއެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
އާރްތީއެލް ހިދުމަތް ދޭ ޒޯން 1 ގައި ހިމެނެނީ ހދ. ހއ. އަދި ށ އަތޮލޫގެ ރަށްތަކެވެ. މިހާރު މި ތިން އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ވަނީ ފަށާފައެވެ. އެހެންކަމުން ޒޯން 1 ގެ ހުރިހާ ރަށަކަށް ވެސް މިހާރު ފެރީގެ ހިދުމަތް ލިބެމުންދާ އިރު މިހާރު ޒޯން 1 ގެ ބައެއް ރަށްރަށުގައި ވަނީ ފެރީ ހަޓްގެ މަސައްކަތް ނިންމާލާފައެވެ.