ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދަނިކޮށް ހައްޔަރުކުރި 20 އަހަރުގެ ޒުވާނާ 15 ދުވަހަށް ބަންދުކޮށްފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރަމުން ދިޔަ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، އޭނާ އަށް 15 ދުވަހުގެ ބަންދެއް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 20 އަހަރުގެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އެ އޮޕަރޭޝަންގައި ހ. ތުއްރަވާސް ގޯޅިން އޭނާ ހައްޔަރުކޮށް ޗެކްކުރުމުން މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއް ކަމުގައި ބެލޭ މިންގަނޑަށް ފެތޭވަރަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ބަލައި ތަހްގީގުކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.