ރަޝިއާއިން ޔޫކްރައިންގެ އެކި ސަރަހައްދުތަކަށް 83 މިސައިލެއް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ބައެއް މިސައިލް ވެރިރަށް ކީވްއަށް އަމާޒުވި ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.

މިސައިލް ހަމަލާތަކުގެ ތެރެއިން އަމާޒަށް ވާސިލުވުމުގެ ކުރިން 43 މިސައިލެއް ވައްޓާލި ނަމަވެސް ވެރިޔަށް ކީވްގެ މެދުތެރެއަށް ވަނީ ބައެއް މިސައިލް ވެއްޓިފައެވެ.

ޔޫކްރައިންގެ ސޮޝަލްމީޑިއާ އެކައުންޓްތަކުން މިއަދު އާންމު ކުރި ވީޑިއޯއެއްގައި މިސައިލް ހަމަލާއިން ރައްކާތެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ބިމު އަޑީގެ މެޓްރޯ ސްޓޭޝަނަށް ވަދެ ގައުމީ ރޫހުގައި ލަވަކިޔާ މަންޒަރު ފެނެއެވެ. އަދި މިސައިލް ހަމަލާ އަމާޒުވި ސަރަހައްދަކުން މީހަކު ދުވެފައި ދާ މަންޒަރުވެސް ވަނީ ފެނިފައެވެ.

ޔޫކްރައިންގެ އެއާފޯސްގެ ތަރުޖަމާން ޔޫރީ ވިދާޅުވީ، މިއަދު ފޮނުވާލި މިސައިލް ތަކުގެ ތެރޭގައި ހިމެނެނީ ކަލިބްރް، އިސްކަންދަރު އަދި ކޭއެޗް-101 ގެ ނަމުން ނަން ދީފައިވާ އަމާޒަށް ދަތުރުކުރާ މިސައިލް ކަމަށެވެ. އަދި މި މިސައިލްތައް ފޮނުވާލާފައި ވަނީ ކެސްޕިއަން ކަނޑާއި ކަޅު ކަނޑުން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ކެސްޕިއަން ކަނޑުގެ ރަޝިއާ ފްލީޓަކީ، ފުރިހަމަ ބާރާއެކު އޮތް ފްލީޓަކަށް ވާއިރު، ޔޫކްރައިންގެ އޮޑިއްސާ އަށް ބޮން އަޅަން ބޭނުން ކުރަނީވެސް ކެސްޕިއަން ފްލީޓްގެ ވަސީލަތްތަކެވެ. އަދި ހުސްވި ހަފްތާ ބަންދުގައި އެތައް ބަޔަކު މަރުވި ޒެޕްރޯޒިއާގެ ވައިގެ ހަމަލާތައްވެސް ދީފައި ވަނީ މި ފްލީޓުންކަމަށް ބުނެއެވެ.

ރަޝިއާއިން ޔޫކްރައިންއަށް އެރިތާ 7 މަސް ވެގެން ދިޔަ އިރު މުޅި ޔޫކްރައިން ބިމުގެ 15 ޕަސެންޓް ރަޝިއާއިން ވަނީ ހިފާފައެވެ. ނަމަވެސް ފާއިތުވި 2-3 ހަފްތާގެ ތެރޭގައި ޔޫކްރައިނުން ބޮޑު ކުރިއެރުމެއް ހޯދާ، ރަޝިއާގެ ބާރުގެ ދަށުން ބޮޑު ސަރަހައްދެއް އަތުލާފައި ވެއެވެ. އަދި އުތުރާއި އިރުން ރަޝިއާ ސިފައިން ފަހަތަށް ޖައްސަމުން ދާއިރު، ޔޫކްރައިނުން މިހާރު އިންތިޒާރު ކުރަނީ، ނޮވެމްބަރުގައި ލިބޭ، އެޑްވާންސްޑް ސާފޭސް ޓް އެއާ (ބިމުން ވައިގެ ތެރެއަށް) ފޮނުވާލާ މިސައިލް ސިސްޓަމަށެވެ. މިއީ އެމެރިކާއިން ޔޫކްރައިނަށް ހަދިޔާ ކުރާ ނިޒާމެކެވެ.

މިއަދު ރަޝިއާއިން ދިން ހަމަލާތަކުގައި ޔޫކްރައިންގެ އެކި ސަރަހައްދުތަކުގައި ހުންނަ މުހިންމު 11 އަމާޒަކަށް މިސައިލް އަރާފައި ވާ ކަމަށް އެގައުމުން ބުނެއެވެ. އެއާއެކު ބައެއް ސަރަހައްދުތަކުން ފެނާއި ކަރަންޓްވެސް ކެނޑުނު ކަމަށް އޮފިޝަލުން ބުނެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައި ވާ މި ދަނޑިވަޅަކީ، ރަޝިއާއިން 2014 ވަނަ އަހަރު އަމިއްލަ ކުރި ކްރިމިއާ އަށް ރަޝިއާއިން ދާން އޮންނަ ބްރިޖްގައި އެއްޗެއް ގޮވާ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ދަނޑިވަޅެވެ. މި މައްސަލައިގައި ރަޝިއާއިން ބުނެފައި ވަނީ ބްރިޖް ހަމަލާ އަކީ ޔޫކްރައިންގެ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މިއަދު ރަޝިއާ ޓީވީ މެދުވެރިކުރައްވާ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ، ރަޝިއާގެ ސަރަހައްދުގައި ހިންގާ ޓެރަރިސްޓް ހަމަލާތަކަށް ނުވަތަ އުދުވާނުތަކަށް ވަރުގަދަ ރައްދު ދެއްވާނެ ކަމަށެވެ.

މިއަދު ރަޝިއާއިން ގައިޑެޑް މިސައިލްތަކެއް ފޮނުވާލުމުން، މުރާސިލުން ބުނެފައި ވަނީ، ސީދާ އަމާޒަށް ހަމަލާ ދިނުމުގައި ރަޝިއާގެ ގާބިލުކަން ވަރަށް ރަނގަޅަށް ހުރިކަން ސާބިތުވާ ކަމަށެވެ.