ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރުއޯ މެޝިނެއް ބަހައްޓައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮޖެކްޓް ގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށާއި އިންޑަސްޓްރިއަލް އާރުއޯ މެޝިނެއް ބަހައްޓައި އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން 2 ވޯޓަ ޑިސްޕެންސާވެސް ބަހައްޓާފައިވާ ކަމަށެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ފަރާތުން މުސްތަފާ އަހްމަދު ވިދާޅުވީ މި ޕްރޮޖެކްޓް ގެ ސަބަބުން މި ރަށު ސްކޫލުގައި ކިޔަވަމުންދާ 186 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން."
މުސްތަފާ އަހްމަދު

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.