މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ ކުރިއަށް އޮތް ވޯލްޑް ޓުއާގެ ބާކީ ޝޯތައް ކެންސަލްކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން އޭނާގެ ޓުއާ ކެންސަލް ކުރީ އޭނާގެ ސިއްހީ ހާލަތު އެކަމަށް ތަންނުދޭތީއެވެ. މި އަހަރު ބާއްވަން ހަމަޖެހުނު ޓުއާ އޭނާ ދެން ބާއްވާނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުންނެވެ.

އެންމެ ފުރަތަމަ ޖަސްޓިންގެ ވޯލްޑް ޓުއާ ބާއްވަން ނިންމީ 2020 ވަނަ އަހަރުގައެވެ. ނަމަވެސް އެދުވަސްވަރަކީ ހަލުވި މިނުގައި ކޮވިޑް ފެތުރެމުން އައި ދަނޑިވަޅަކަށް ވުމުން މުއްދަތެއް ނެތް ގޮތަށް ޓުއާ ފަސްކުރިއެވެ. އޭގެ ފަހުން ކޮވިޑްގެ ހާލަތު ހަމައަކަށް އެޅުމާއެކު ބީބާ އޭނާގެ ޓުއާ ވަނީ މިދިޔަ ފެބްރުއަރީ މަހު ފަށާފައެވެ. ނަމަވެސް ދާދިފަހުން ޖަސްޓިން ވަނީ އޭނާއަށް ރެމްޒީ ހަންޓް ސިންޑްރޮމް ޖެހިފައިވާ ކަމަށް ބުނެފައެވެ. ޖަަސްޓިންގެ ބަލި ރެމްޒީ ހަންޓް ސިންޑްރޯމްއަކީ ނާރުތަކުގެ ނިޒާމަށް ޖެހޭ، މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި ޖެހެނީ، ބޮލު ތެރެއިން، ކަންފަތުގެ އެތެރެއާ ކައިރިން ނާރަކަށް، ވެރިސެލާ-ޒޯސްޓާ ވައިރަސް ހަމަލާ ދިނުމުންނެވެ.

ބީބާ ބުނީ އޭނާގެ ސިއްހަތު ތަން ނުދިނުމުގެ ސަބަބުން ޝޯތައް ކެންސަލްކުރީ ސިއްހަތަށް އެންމެ ބޮޑު އިސްކަމެއް ދިނުމަށްޓަކައި ކަމަށެވެ. އަދި ބައްޔަށް ފަރުވާކުރުމަށްފަހު އޭނާ އަލުން ޝޯތައް ދޭން އެނބުރި އަންނާނެކަމަށެވެ. އޭނާ ޝޯތައް ކެންސަލް ކުރުމުގެ ކުރިން އެންމެ ފަހުން ޝޯ ދީފައިވަނީ ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގަ އެވެ.