ކާނިވާ ސަރަހައްދުގައި ގާއިމްކުރި އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލައިފިއެވެ.

ރޭ ބޭއްވި މި ހަފްލާގައި "މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ރޭ ހުޅުވިގެން ދިޔަ "މާލެ ފެހި" އައުޓްލެޓުން އާންމު ފަރާތްތަކަށް ވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"މާލެ ފެހި" ހުޅުވައިދެއްވުމަށްފަހު މުއިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫއުއެއް ކަމަށާއި، އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތު ލިބިގެން ދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މައިޒާން ތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށާއި، މި ޕްރޮގްރާމަށް އަތޮޅު ކައުންސިލް ތަކުގެ އެހީތެރިކަން ވެސް ލިބިގެންދާ ކަމަށެވެ.

މިހާރު ވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށްވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންނަކީ ގަސް އިންދާ ފެހިކުރާ ބައެއް. އަޅުގަނޑުމެންނަކީ ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން. އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނަން
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

"މާލެ ފެހި" އައުޓްލެޓް ހުޅުވާލިއިރު 25 ބާވަތެއްގެ ގަހާއި ގަސް ހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއުއެކެވެ