އެކައުންޓްގެ މައުލޫމާތު ހޯދަން ބީއެމްއެލް ނަމުގައި ކުރަމުންދާ މެސެޖަށް ސަމާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެމލް އިން ބުނީ، އެ ބޭންކުގެ ނަމުގައި ކަސްޓަމަރުންގެ ނަންބަރުތަކަށް ލިންކެއް ފޮނުވަމުންދާ ކަމަށެވެ.

ބީއެމްއެލް އިން އެއްވެސް ކަސްޓަމަރަކަށް މިފަދަ ލިންކުތަކެއް ނުފޮނުވާނެ ކަމަށާއި އަދި އެފަދަ ލިންކުތަކަށް ނުވަނުމަށް ބީއެމްއެމްއެލްއިން ވަނީ އެދިފައެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވާ މެސެޖްގައި ލިޔެފައި އޮންނަނީ ބޭންކަށް ދީފައިވާ މައުލޫމާތު އަޕްޑޭޓް ކުރުމަށް ލިންކަކަށް ވަނުމަށް އެދޭ ކަމަށެވެ.

ބޭންކުން މިގޮތަށް އިލްތިމާސް ކޮށްފައި ވާއިރު، ފޯނުން ގުޅައިގެން ކާޑުގެ މައުލޫމާތު ހޯދާ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ.

އަދި މެއިލްގެ ޒަރީއާއިން އިންޓަނެޓް ބޭންކިންއާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ބައެއް މީހުން ކުރަމުން ގެންދެއެވެ.

ބީއެމްއެލް އިން ވަނީ އެގޮތަށް ގުޅާ ފަރާތްތަކަށް އެކައުންޓުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެކި އެކި ކުންފުނިތަކާއި ސަފާރީ އާއި ސަޕްލައި ދޯނިތަކުގެ ނަމުގައި މި ނޫނަސް ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަ މައްސަލަ ވަނީ އިތުރުވެފައެވެ.